މިދުވަސްކޮޅަކީ ޑެންގީހުން އިތުރުވާ ދުވަސް ވަރަކަށް ވާތީ މަދިރިމަދުކުރުމުގެ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު މީޑިއާ "އެލާޓް"ގައި ބުނެފައި ވަނީ މިދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ޑެންގީހުން އިތުރުވާ ދުވަސްވަރެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން ޑެންގީހުމުން ރައްކާތެރިވުމަށް ދުރާލާ މަދިރި މަދުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހެލްތު އެލާޓްގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ވެސް ބުނެފައި ވަނީ މަދިރި ކޮންޓްރޯލު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެމިނިސްޓްރީ އިން ނެރުނު ހެލްތު އެލާޓްގައި ވަނީ ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް ހިމަނާފަ އެވެ. އެގޮތުން ފެންހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާއި ނުވަތަ ފެން ހުސްކޮށް ސާފުކުރުމަށް ބުނެފައިވެ އެވެ. އަދި ގޯތި ތެރެއާއި ވައިގޮޅި ފަދަ ތަންތަނަށް ކުނިއުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށް ކުނި އުކާލުމަށާއި ކުނިއުކާ ޑަސްބިން ފަދަ ތަކެތި ފެންނޭޅޭ ގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ބުނެފައިވެ އެވެ.