މ. އަތޮޅު ފުޓުބޯޅަ މުބާރާތު އިއްޔެ ކުޅުން މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު މުބާރާތު ސެމީ ފައިނަލްގެ ފަހު ޖާގަ ނަލަފުށި ޔޫތު ޑިވެލޮޕްމެންޓް އެސޯސިއޭޝަން ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުން ނަލަފުށި ޓީމު މޮޅުވީ ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ އާ ބައްދަލު ކޮށް 1-0 ލަނޑުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވީ ނަލަފުށީ ޓިމު އަހްމަދު ޝަފީގެވެ.

އިއްޔެ ކުޅުން މެޗުން މޮޅުވެ ނަލަފުށި ގްރޫޕް ބީ ތާވަލުގެ ދެވަނައަށް ދަތުރުކޮށްފައިވާއިރު އެ ގްރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ކުޅުން އެއްވެސް މެޗަކުން ބަލި ނުވެ އޮތީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މާދަމާ ފަށާއިރު، ސެމީއަށް ދަތުރުކޮށްފައިވަނީ މުލަކު އެކުވެރިންގެ ކްލަބާއި ނަލަފުށި ޔޫތު ޑިވެލޮޕްމެންޓް އެސޯސިއޭޝަން އާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އަދި ކޮޅުފުށި ޒުވާނުންގެ ޖަމިއްޔާއެވެ.

ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލު ކުރާނީ މުލަކު ޓީމާއި ނަލަފުށި ޓީމެވެ.

މި މުބާރާތުގައި މިފަހަރު ޖުމްލަ ހަތް ރަށަކުން ނުވަ ޓީމެއް ބައިވެރިވެފައި ވާއިރު، ދިއްގަރު ފިޔަވައި މ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުލަކާއި މުލިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، އެއިން ކޮންމެ ރަށަކުން މި މުބާރާތަށް ދެ ޓީމް ވަނީ ނެރެފައެވެ. އަދި ރަތްމަންދޫ އާއި ވޭވަށާއި ނާލާފުއްޓާއި ކޮޅުފުއްޓާއި މަޑުއްވަރީ ކުރެ ކޮންމެ ރަށަކުން ބައިވެރިވެފައި ވަނީ އެއް ޓީމެވެ.

ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕްކަށް ބަހާލައިން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ޓީމްތަކަކީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން މުލީ އެކުވެރިންގެ ދިރުމާއި ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކްލަބް އެވެ. މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނެނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އާއި ނާލާފުށީ ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަނާއި ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި މުލީ ސްޕޯޓްސް ކްލަބެވެ.