02 Feb 2011, 15:00
ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ހެނދުނު ބަޔަކު ތަޅު އަޅުވާފައި ވަނީ ފުލުހުން ވެސް ތިއްބާ ގަދަކަމުން ކަހަލަ ގޮތަކަށް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ހުޅުދޫ ކޯޓުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޯޓު ހުޅުވުމަށް ހެނދުނު މުވައްޒަފުން ދިޔައިރު ބޮޑު ގްރޫޕެއް ގޮސް ކޯޓު ހުޅުވައިގެން ނުވާނެ ކަމަށް ބުނެ އަތް މުށްކަވައިގެން ތިބެ މުވައްޒަފުންނަށް ބިރުދައްކަމުން ދިޔަ ކަމަށެވެ. އެ ގޮތަށް އިންޒާރު ދޭން ފެށުމުން ކޯޓުގެ މުވައްޒަފުން ގޯތި ތެރެއިން ބޭރަށް ނުކުތުމުން ކުރީގެ ކައުންސިލަރު އެރަށު ކަޅުމަގިގޭ އިބްރާހިމް ދީދީ ކޯޓަށް ނުވަދެވޭ ގޮތަށް ޕިކަޕެއް ހުރަސްކޮށްލި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޯޓު ކުރިމަތީގައި ޕިކަޕު ހުރަސްކޮށްލިތާ އިރުކޮޅެއް ފަހުން ތިން ފުލުހަކު އެ ސަރަހައްދަށް ގޮސް ޕިކަޕު ދުރު ކުރުމަށް ތަކުރާރުކޮށް އަންގިކަމަށް ވެސް އެ ކޯޓުން ބުންޏެވެ. އެކަމަކު ކޯޓު ކައިރީގައި ތިބި މީހުން ފުލުހުންނާ ދެކޮޅަށް އަޑު އުފުލައި ކޯޓު ނުހުޅުވޭނެ ކަމަށް ބުނަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެވަގުތު ކޯޓުގައި ތަޅު އެޅުވީ އެރަށު ކޮކާހަނދުވަރުގޭ، ފުއާދާއި ޕްލެޒާވޭ މުހައްމަދު ޖައުފަރު އިސްކޮށް ތިބެގެން ކަމަށް ކޯޓުން ބުނެ އެވެ.
"ސ. ހުޅުދޫ، ކޮކާހަނދުވަރުގޭ ފުއާދާއި ސ. ހުޅުދޫ، ޕްލެޒާވޭ، ޖައުފަރު އިސްކޮށް ތިބެގެން ކޯޓުގެ ގޭޓުގައި ތަޅު އަޅުވަން މަސައްކަތް ކުރުމުން ހާޒިރުވެ ތިބި ފުލުހުން ތަޅު އަޅުވައިގެން ނުވާނެ ކަމަށް ބުނުމުން ވެސް ތަޅު އަޅުވާނެ ކަމަށް ބުނެ ކުރިމަތީގައި ތިބި ފުލުހުން ގޭޓުގައި ހިފަހައްޓައިގެން ތިއްބާ ކޯޓުގެ ގޭޓުގައި ތަޅު އެޅުވީ،" ހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ނަޒީރުގެ ނަމުގައި ނެރެފައިވާ އެ ނޫސް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ތަޅު އެޅުވުމަށްފަހު އެ ރަށުގެ ކަޅުމަގިގޭ އިބްރާހިމް ދީދީ އެތަނުގައި އިށީންދެ "ސ. ހުޅުދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް އެންމެ މިނެޓެއް ވެސް ފަސް ޖެހުމެއް ނެތި މި ކަޅުމަގިގޭ އިބްރާހިމް ދީދީ ކުރާނެ" ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަންދު ކުރަން ޖެހިއްޖެއްޔާ ކޯޓު ބަންދު ކުރާނެ ކަމަށް ފުލުހުންނާ ދިމާއަށް އޭނާ ބުނި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނުބޭއްވޭ ގޮތަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން އައްޑު އަތޮޅު ވަނީ ހަލަބޮލިވެފަ އެވެ. އަދި އެތަނުގައި ސިޓީ ހެދުމަށް ބޭނުންވާ ގިނަ ރައްޔިތުން ދަނީ ކޯޓުތަކާ މެދު ނުރުހުންފާޅުކުރަމުންނެވެ.