16 Dec 2014, 16:03
ދިވެހިންނާއި ބޭރުގެ ފަރާތްތަކާއި ދެމެދު ކުރެވޭ އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސް ހިސާބު ތައްޔާރުުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭން ބެރުން އެނބުރި ވަޑައިގަންނަވާ ދިވެހީންނަށް އަމާޒުކޮށްގެން ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލްގައެވެ. މިމަހުގެ 25 ހުން 30 ހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭގައި، ރާއްޖޭން ބެރުގައި ދިވެހީން އެކި އެކި ކަންކަމަށް ފައިސާ ހަރަދު ކުރާ ގޮތުގެ މައުލޫމާތު އެއްކުރެވޭނެއެވެ. އޭގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދު ދަތުރުކުރި ގައުމު، ޓިކެޓުގެ ޚަރަދު، ކެއުމާއި ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމްލަގޮތެއްގައި މުޅި ދަތުރަށް ހޭދަވި ހަރަދގެ މައުލޫމާތު ހިމެނޭ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.
އަދި މި ސާވޭގައި ނަމާ އެޑްރެސް ފަދަ ފަރުދީ މައުލުމާތު އެއް ނުކުރެވޭނެ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ ދިވެހިން އެ ސާވޭއަށް އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އެދިލައްވާފައެވެ. މި ސާވޭ އަކީ ކޮންމެ އަހަރަކުވެސް އެމްއެމްއޭއިން ކުރިއަށްގެންދާ ސާވޭ އެކެވެ.