16 Dec 2014, 15:32
ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުގެ "ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑް"އިން 200 މިލިއަން ޖަޕަނީސް ޔެން (25.94 މިލިއަން ރުފިޔާ)ގެ އަގުހުރި މެޑިކަލް އިކްއިޕްމެންޓް ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ޖަޕާނު ސަރުކާރުން ހަވާލުކުރި 200 މިލިއަން ޖަޕަނީސް ޔެން ނޫނީ 1.7 މިލިއަން ޑޮލަރުގެ އަގުހުރި ތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އެ ތަކެތި ޖަޕާން ސަރުކާރުގެ ފަރާތުން ހަވާލުކުރީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސިސްޓަމް (ޖިކްސް)ގެ ޗީފް ކީޒޯ އިނޯއު އެވެ.
ޖަޕާނުގެ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަން އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ހެލްތު މިނިސްޓްރީގެ ފަރާތުން ވަނީ ހަވާލުކޮށްފަ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް 2012 ވަނަ އަހަރު ވެސް އެހީތަކެއް ވެފައިވެ އެވެ. އެއަހަރު 59.7 މިލިއަން ޔެންގެ އަގުހުރި ތަކެތީގެ އެހީއެއް ފޯރުކޮށްދީފައިވެ އެވެ.
މީގެ އިތުރުން އަންނަ އަހަރު ވެސް ޖަޕާނު ސަރުކާރުން މެޑިކަލް ސަޕްލައިތަކުގެ އިތުރު އެހީއެއް ވުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރަމުންނެވެ.