އައްޑު އަތޮޅު ގަމާއި ހިތަދޫގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކުރުމަށް ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ އެ ދެ މަރުކަޒު މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް އެމްއާރްޑީސީއާ ހަވާލުކުރަން ނިންމީ އެ ތަންތަނުގެ ހާލަތު ވަރަށް ދަށްވެފައި ވާތީ ކަމަށާއި ޔޫތު މިނިސްޓްރީން އެކަމަށް އަވަސް ހައްލެއް ގެންނަން ބޭނުންވާތީ ކަމަށެވެ. އަދި އެތަންތަން މަރާމާތުކުރުމަށް އޮކްޓޯބަރު މަހު ބީލަމަށް ހުޅުވާލާފައިވާ އިރު، އެފަހަރުގެ ބީލަމަށް ކުރިމަތިލި ފަރާތްތަކުން އެކަށީގެންވާ ބީލަމެއް ހުށާއަޅާފައި ނުވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

"އެ ދެ ރަށުގެ ޒުވާނުންގެ މަރުކަޒުގެ ހާލަތު ހުރީ ވަރަށް ދަށްވެފައި. ނަމަވެސް އެ ރަށްރަށުގެ ގިނަ އަދަދެއްގެ ޒުވާނުން އަދިވެސް އެތަންތަން ބޭނުންކުރޭ. އަވަސް މުއްދަތެއްގެ ތެރޭގައި އެތަންތަން މަރާމާތުކޮށް އާބާތުރަ ކުރަން ޔޫތު މިނިސްޓްރީން ނިންމީ އެ ސަބަބަށްޓަކައި. އެ މަސައްކަތަށް މިދިޔަ އޮކްޓޯބަރުގައި އަޅުގަނޑުމެން ބިޑަށް ހުޅުވާލިން. ނަމަވެސް ކުރިމަތިލީ އަށް ފަރާތުން ވެސް އެކަށީގެންވާ ބިޑެއް ހުށައަޅާފައެއް ނުވޭ،" ޔޫތު މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫތު މިނިސްޓްރީން އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އާ ވަސީލަތްތަކަކާ އެކު އެ ދެ މަރުކަޒު ހުޅުވޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެހާ ކުއްލި ގޮތަކަށް އެމްއާރްޑީސީއާ ހަވާލުކޮށް އެ މަސައްކަތް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީން ނިންމީ އެ ތަންތަނަކީ "މިހާރުން މިހާރަށް ވެސް ހަދަން ޖެހިފައި"ވާ ތަންތަން ކަމަށް ޔޫތު މިނިސްޓްރީ އަށް ފާހަގަކުރެވިފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތަކަށް ބެނުންވާ ކުޅިވަރު ސާމާނު ހޯދުމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން މިއަހަރުތެރޭ މުޅިން އަލަށް ތިން ޒުވާނުންގެ މަރުކަޒެއް ހުޅުވާފައިވާ އިރު، އެ މަރުކަޒުތަކާ އެކު ރާއްޖޭގައި މިހާރު ވަނީ މުޅިއަކު 26 ޒުވާނުންގެ މަރުކަޒު ގާއިމްކޮށަފަ އެވެ.