16 Dec 2014, 14:40
ލ. އަތޮޅުގެ ރަށްރަށުން އެ އަތޮޅު ފޮނަދޫ އަށް ހިޖުރަކުރަން ބޭނުންވާ ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު އެރަށަށް ބަދަލުވުމުގެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސާދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްްޔޫމް ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. ގަމުން ފެށިގެން ފޮނަދޫއާ ދެމެދު އަޅާ "ބޮޑުމަގު" މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ލ. އަތޮޅަކީ ބިމުގެ ގޮތުން ބޮޑު ބިޔަ އަތޮޅެއް ކަމަށާއި ފޮނަދޫ އަށް ބަދަލުވާން ބޭނުންވާ އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ ގޮތް އަންނަ އަހަރު ސަރުކާރުން ހަދައިދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ލ. އަތޮޅު ފޮނަދޫ ކައިރީގައި އޮންނަ ގާދޫގެ ރައްޔިތުން ފޮނަދޫ އަށް ބަދަލުވާން ބޭނުންވެގެން އުޅޭ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރައްޔިތުން ފޮނަދޫ އަށް ބަދަލުވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
"ހައުސިންގް މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަަށް ގެންދާއިރު ލ. އަތޮޅުގެ ރަށްރަށުން ފޮނަދޫ އަށް އައިސް މިރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް މި ދެންނެވި ހައުންސިންގް މަޝްރޫއުގެ ތެރެއިން ހަދައިދޭނަން، ގާދޫގެ ރައްޔިތުން އަޅުގަނޑު ދަންނަވަން ބޭނުންވަނީ ފޮނަދޫ އަށް ހުރިހާ ބޭފުޅުން ބަދަލުވެވަޑައިގެންނަވާށޭ، އިރާދަކުރެއްވިއްޔާ ލުއި ފަސޭހަކަމާ އެކު ފޮނަދޫ އަށް ބަދަލުވުމުގެ އިންތިޒާމްތައް ސަރުކާރުން މި ހައުސިން މަޝްރޫއުގެ ދަށުން ހަމަޖައްސައިދޭނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ރަށްރަށުން ފޮނަދޫ އަށް ބަދަލުވާން ބޭނުންވާ ރައްޔިޔުންނަށް ވެސް އެ ފުރުސަތުތައް މި ސަރުކާރުން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުުޅުގައި ލ. އަތޮޅަކީ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ބޮޑެތި މަޝްރޫއުތަކަށް ޖާގަ ހޯދައިފައިވާ ތަނެއް ކަަމަށާއި އެ އަތޮޅަށް އެސްއީޒެޑްގެ މަންފާތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުން ހިންގާ ތުބުރި ޕްރޮޖެކްޓްގެ ދަށުން ވެސް އެންމެ ފުރަތަމަ އަމާޒު ހިފި އަތޮޅަކީ ލ. އަތޮޅު ކަމަށާއި އެ މަޝްރޫއުއަަކީ ވެސް ކާމިޔާބު މަޝްރޫއަަކަށް ވެގެެންގޮސް އެ އަތޮޅުގެ ޒުވާނުންނަށް ވަޒީފާ ލިބި މެދު ފަންތީގެ ވިޔަފާރިވެރިންނަށް މަންފާތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.