ރާއްޖޭގެ މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް އިދިކޮޅު މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންކަމް ޓެކްސް ނެގުމަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފައި ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ނެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށް ފައިސާ ބޭނުންވާނެ ކަމަށާއި އެހެންނަމަވެސް އެ ފައިސާ ރައްޔިތުން "ހަލާކުކޮށްގެން" ހޯދައިގެން ނުވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ނިކަމެތި ރައްޔިތު މީހާގެ އަތުން ފައިސާ ނެގުމަށް ވުރެ މުއްސަނދި މަހުޖަނުގެ އަތުން ފައިސާ ނެގުން މާ ރަނގަޅުވާނެ ކަމަށެވެ.

ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގެ މަތީގައި ބެހިގެން ދޭތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ. ނިޒާރު ވިދާޅުވީ ނިކަމެތި ރައްޔިތުން އަތުން އެތައް މިލިއަން ރުފިޔާއެއް ނަގަމުންދާ އިރު ރައްޔިތުންނަށް ލިބެން ޖެހޭ އެތައް ބައިވަރު ހިދުމަތްތައް އަދި ވެސް ލިބެމުން ނުދާ ކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީ އިންސާފުވެރިކަމާ އެކު ބެހިގެން ނުދާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

"އިންކަމް ޓެކުސް ނަގަން އެބަޖެހޭ. އެކަމަށް އަޅުގަނޑު ވެސް ތާއީދު ކުރަން. ރިސޯޓު އޯނަރުންނާއި ބޮޑެތި ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުން ހަގީގަތުގައި އިންކަމް ޓެކްސް ނެގެމުން ނޫނިއްޔާ އަޅުގަނޑުމެންގެ ގައުމުގައި މި ބުނާ ހަމަ ހަމަ ކަން ގާއިމްވެގެންނެއް ނުދާނެ. ގަބޫލު ކުރިއަސް ނުކުރިއަސް މިކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ." ނިޒާރު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ކުރީގެ ސަރުކާރުން ޓެކްސް ތައާރަފު ކުރިއިރު އެއްވެސް ވަރަކަށް ވިޔަފާރިވެރިންނަށް ވިސްނާފައި ނުވާ ކަމަށެވެ. އަދި އެއްވެސް ތައްޔާރުވުމެއް ނެތި ޓެކްސް ނެގުމުން ބައެއް ވިޔަފާރިތައް ބަނގުރޫޓު ވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން މިހެން ވިދާޅުވި ނަމަވެސް ވިޔަފާރިވެރިން އަންނަނީ ދައުލަތަށް ޓެކްސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަމުން ނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް އަށް ޕަސެންޓް އަންނަނީ ދައްކަމުން ނެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހު އަދި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގާ ރޭޓު ވަނީ 12 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި ވެސް ވިޔަފާރިވެރިން އަންނަނީ ދައުލަތަށް ޓެކްސްގެ ގޮތުގައި ފައިސާ ދައްކަމުން ނެވެ. އެގޮތުން ކުންފުނިތަކާއި ޕާޓްނަޝިޕްތައް އަދި އެހެނިހެން ފަރާތްތައް 15 ޕަސެންޓް ޓެކްސް ގޮތުގައި ދައްކާ އިރު ދިވެހިރާއްޖެ އިން ބޭރުން ލިބޭ ފައިދާ ގެ ގޮތުގައި ފަސް ޕަސެންޓް އަންނަނީ ދައްކަމުން ނެވެ. ވިތުހޯލްޑިންގް ޓެކްސް ގެ ގޮތުގައި 10 ޕަސެންޓު ޓެކްސްގެ ގޮތުގައި ވިޔަފާރިވެރިން އަންނަނީ ދައުލަތަށް ދައްކަމުން ނެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވި "މައި ބަޖެޓު ފޯރަމް 2015"ގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިގައުމަކީ އާ ޓެކްސްތަކެއް ވަރަށް އަވަހަށް ތައާރަފް ވެގެން އައި ގައުމަކަށް ވުމުން އާ ޓެކުހެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.