އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކެންސަލްކުރުމާ ގުޅިގެން އެ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޑިޕޮސިޓް ފައިސާ އަނބުރާ ދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރަން ކުރިމަތިލި ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅިއިރު ދައްކާފައިވާ ޑިޕޮސިޓް ފައިސާ ދޫކުރާނީ އައްޑު އަތޮޅުގައި ގާއިމްކޮށްފައިވާ އިލެކްޝަންސް ކޮމިޓީން ކަމަށެވެ.

ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލަށް 19 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ. އެއިން ކޮންމެ ކެންޑިޑޭޓަކު ވެސް ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500ރ. ދައްކައިފައިވެ އެވެ.

ގާނޫނާ ހަވާލާދީ އިލެކްޝަންސް ކޮމިޝަނުން ބުނީ، އާންމު ގޮތެއްގައި ޑިޕޮސިޓް ފައިސާ ދޫކުރަނީ އެ ކެންޑިޑޭޓެއް ކުރިމަތިލި ދާއިރާއަކުން މަދުވެގެން 10 ޕަސަންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބުމުންނެވެ.

އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނުބާއްވާ ގޮތަށް އިލެކްޝަންސް އިން ހަމަޖައްސައިފައި ވަނީ، އައްޑޫގައި ސިޓީ ކައުންސިލެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިއްޔެ ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ނެވެ.