ސެކިއުރިޓީ ބާޒާރުގައި ކްރެޑިޓް ރޭޓިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކްރެޑިޓް ރޭޓިން އެޖެންސީތަކާ ބެހޭ ގަވާއިދުގެ ދަށުން ކްރެޑިޓް ރޭޓިންގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ކުންފުނިތަކުން ރަޖިސްޓާވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކްރެޑިޓް ރޭޓިން ހިދުމަތް ދިނުމަށް ޝައުގުވެރިވާ އިންޓަނޭޝަނަލް ރޭޓިން އެޖެންސީތަކަށް ވެސް އެ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ރެޖިސްޓްރޭޝަން އަށް އެދި ފޯމް ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި ދެ އަހަރުގެ މުއްދަތަކަށް ރަޖިސްޓާ ކޮށްދޭނެ ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ.

ކްރެޑިޓް ރޭޓިންއަކީ ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުން ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު އަންގައިދިނުމަށް ރޭޓިން އެޖެންސީތަކުން ބޭނުންކުރާ އޮނިގަނޑުގައިވާ ގޮތައް ގިންތިކުރުމެވެ. އެގޮތަށް ގިންތި ކުރުމުން ކުންފުނީގައި އިންވެސްޓްކުރާ ފަރާތްތައް އެފަރާތްތަކުން އިންވަސްޓްމަންޓަށް ހޭދަކުރި ފައިސާ އަނބުރާ ލިބުމުގެ ޔަގީންކަން ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އޭގެ އިތުރުން ރޭޓިން ޚިދުމަތް ރާއްޖޭގައި ތައާރަފުކުރުމުގެ ސަބަބުން ކުންފުނިތަކުގެ ޓްރާންސްޕޭރެންސީ އިތުރުވެ ކެޕިޓަލްމާކެޓް އިތުރަށް ތަރައްގީވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.