16 Dec 2014, 14:01
ޕާކިސްތާނުގެ ޕިޝާވަރުގައި އެގައުމުގެ ސިފައިން ހިންގަމުން އަންނަ ސްކޫލަކަށް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހުރީކޭ ތާލިބާން ޕާކިސްތާން ( ޓީޓީޕީ) އިން އުފެދިފައިވާ ފެކްޝަނެއްގެ ހަނގުރާމަވެރިން ހަމަލާދީ 12 އަށް ވުރެ މަދުނޫން އަދަދެއްގެ ދަރިވަރުން މަރާލައިފި އެވެ.
ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ހިންދުސްތާން ޓައިމްސް ނޫހުން ބުނީ އެހަމަލާގައި މަރުވި ދަރިވަރުންގެ އިތުރުން 40 ކުދިން ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ ހަނގުރާމަވެރިން 100 އަށް ވުރެ ގިނަ ކުދިން ރަހީނުކޮށްފައިވާ ކަމަށެވެ.
ޓީޓީޕީގެ ފެކްޝަންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ޚުރާސާނީ ނަމަކަށް ކިޔާ މީހަކު އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ހަނގުރާމަވެރިންނަށް އަމުރުކޮށްފައި ވާނީ ޕިޝާވަރުގެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ދޮށީ ދަރިވަރުންނަށް ހަމަލާ ދިނުމަށް ކަމަށެވެ. ޚުރާސާނީ އަދި ބުނެފައި ވަނީ އެހަމަލާއަކީ ޕާކިސްތާނު ސިފައިން އުތުރު ވާޒީރިސްތާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވިދާޅުވެފައި ވަނީ އެހަމަލާގެ ފަހަތުގައި ތިބި ބަޔަކު (އަދަބު ނުދީ) ދޫނުކުރައްވާނެ ކަމަށެވެ.