16 Dec 2014, 13:25
ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) އާއި ދިއްދޫ އެލްއެލް ސްޕޯޓްސް ގުޅިގެން ބޭއްވި 'އެއްލައްކަ ކަޕް' ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްފި އެވެ.
އެ މުބާރާތުގެ ޗެންޕިއަން ޓީމް ބްލެކް ޒީނޯއަށް ފައިސާގެ އިނާމް ހަވާލުކުރީ ރޭ ހއ. ދިއްދޫ އުތުރު ތަރި ރެސްޓޯރެންޓުގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ ހަފްލާގައި އެ ޓީމަށް އިނާމް ހަވާލުކޮށްދެއްވީ ހަފްލާ ޝަރަފްވެރި ކޮށްދެއްވި ހއ. ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން އާއި އެލްއެލް ސްޕޯޓްސްގެ ރައީސް އަލީ ޒުހައިރު އެވެ. ބްލެކް ޒިނޯގެ ފަރާތުން އިނާމާ ހަވާލުވީ އެ ޓީމުގެ ކުޅުންތރިންނާއި އޮފިޝަލުން ނެވެ.
އެ ހަފްލާގައި ދިއްދޫ ކައުންސިލްގެ ރައީސް އާއި އެލްއެލް ސްޕޯޓްސްގެ ރައީސްގެ އިތުރުން އެލްއެލް ސްޕޯޓްސްގެ އިސް ބޭފުޅުންނާއި މުބާރާތުގައި ވާދަކުރި ޓީމްތަކުން ވެސް ބައިވެރިވެފައިވެ އެވެ. ޗެންޕިއަން ޓީމަށް ފައިސާގެ އިނާމް ހަވާލުކުރުމުގެ އިތުރުން އެ ހަފްލާގައި މުބާރާތުގެ ރަނަރަޕް ޓީމަށާއި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވެސް ވަނީ ފައިސާގެ އިނާމް ހަވާލު ކޮށްފަ އެވެ.
އެ ހަފްލާގައި މުބާރާތުގެ ރަނަރަޕް ޓީމެއްގެ ގޮތުގައި ހޮވުނު ނާޑު ސްޕޯޓްސް އަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ ހަވާލުކޮށްފަ އެވެ. އަދި މުބާރާތުގެ ޗެންޕިއަންގެ މަގާމް ހޯދުމުގެ އިތުރުން ފެއާ ޕްލޭ ޓީމުގެ މަގާމްވެސް ހޯދި ބްލެކް ޒީނޯއަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 5000 ރުފިޔާ ހަވާލުކޮށްފަ އެވެ.
އެ މުބާރާތުގެ އިންޑިވިޖުއަލް މަގާމްއައް ހާސިލްކުރި ފާރާތްތަކަށް އެ ހަފްލާގައި ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 500 ރުފިޔާ ހަވާލު ކޮށްފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ބްލެކް ޒީނޯގެ ހަސަން އަބްދުއްލަތީފް އާއި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވުނު ނާޑު ސްޕޯޓްސްގެ މުހައްމަދު ރަޝީދުގެ އިތުރުން، އިތުރު އަށް ކުޅުންތެރިޔަކު ވަނީ މުބާރާތުގެ އިންޑިވިޖުއަލް އެވޯޑްތައް ހާސިލްކޮށްފަ އެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު ހއ. ދިއްދޫގެ އަށް ޓީމެއް ވާދަކުރި 'އެއްލައްކަ ކަޕް' މުބާރާތް އަންނަ އަހަރު ވެސް ބާއްވަން ހަމަޖެހިފައިވާ އިރު، މުބާރާތް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނދައެޅިފައި ނުވާކަމަށް އެލްއެލް ސްޕޯޓްސްގެ ފަރާތުން ވަނީ ބުނެފަ އެވެ. އަދި އަންނަ އަހަރު ބާއްވާ މުބާރާތުގައި ބައިވެރި ވެވޭނީ ދިއްދޫގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކާއި ކްލަބްތަކަށް އެކަނި ކަމަށާއި އެފަދަ ގޮތަކަށް އެކަން ހަމަޖައްސަން ނިންމާފައި ވަނީ މުބާރާތުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް، އިންސާފްވެރި ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް އެ ކްލަބްގެ ފަރާތުން ބުނެފައިވެ އެވެ.