ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ބާއްވަމުން އަންނަ އެޕްރެންޓިސް ޕްރޮގްރާމްގެ މި އަހަރުގެ، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަކަށް ހުސައިން އިމާދު ހޮވިއްޖެ އެވެ.

ރީތި ރަށުން ބާއްވާ އެ ޕްރޮގްރާމްގައި މި އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އިމާދު ހޮވީ ޕްރޮގްރާމް ކާމިޔާބު ކުރި 18 ދަރިވަރުންގެ ތެރެއިންނެވެ. އަހަރެއްގެ މުއްދަތަށް ދެމިގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ދަރިވަރުން ބައިވެރި ވެފައިވެ އެވެ.

ރީތި ރަށުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތުރުވެރިކަމާ ގުޅޭ ގޮތުން ކިޔަވައިދެ އެވެ. އެޕްރެންޓިސް ޕްރޮގްރާމް ކާމިޔާބުކުރި 18 ދަރިވަރުންނަށް ރީތި ރަށުގައި ހުރި މަގާމުތަކުން ވަޒީފާ ލިބޭނެ ކަމަށް ރީތި ރަށުގެ ޖެނެރަލް މެނޭޖަރު މާކް އެސް ހެރިރް ވިދާޅުވި އެވެ.

ޓްރޭޑާސް ހޮޓެލްގައި މިއަދު އޮތް ހަފްލާގައި ޝަރަފުވެރި މެހްމާން، ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަތުރުވެރި ކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށާއި އެ ސިނާއަތުގައި ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ އިރު ބޭނުން ވަނީ ދިވެހި ޒުވާނުން ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރި ކަމުގެ ސިނާއަތް. މިއަކީ ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް. އެހެން ކަމުން ފަތުރުވެރި ކަމުގެ ދާއިރާ އިން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ހުރީ ހުޅުވިފައި އެކަމު މި ދާއިރާގެ ބޮޑުބައެއްގައި ހަރަކާތްތެރި ވަމުންދަނީ ބިދޭސީން. އެހެން ކަމުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިފައި ހުރި އިރު އަޅުގަނޑުގެ އެދުމަކީ މިއަދުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި ކަހަލަ އެތައް ޒުވާނުންނެއް މިދާއިރާއާ ގުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ މަސައްކަތަކީ ޒުވާނުންނަށް ކުރިއެރުންތަށް ހޯދައިދިނުމަށް މަގުފަހި ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.