16 Dec 2014, 12:40
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެސްޓީއޯގެ ދަރަނި އެއްކޮށް ދައްކާ ހަލާސްކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ މި ސަރުކާރުން އެސްޓީއޯ އާ ހަވާލުވި އިރު އެ ކުންފުނީގެ ދަރަނި އޮތީ 164 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މިހާރު އެ ދަރަނި 114 މިލިއަން ރުފިޔާ އަށް ދަށްކުރެވިފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް މިވަނީ ދަރަނީގެ 51 މިލިއަން ރުފިޔާ ދައްކާފައި. އަޅުގަނޑުމެން ގަސްތުކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެސްޓީއޯގެ ދަރަނި އެއްކޮށް ހަލާސް ކުރަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެސްޓީއޯ އަކީ 2008 ވަނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ބޭންކުގައި ކޭޝް ހުރި ކުންފުންޏެއް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ކުންފުންޏާ ހަވާލުވީ އިރު އެސްޓީއޯ އަކީ 164 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކުންފުންޏެއް ކަމަށެވެ. އަދި 2013 ވަނަ އަހަރު އެސްޓީއޯ އަކީ ގެއްލުންވަމުން އަންނަ ކުންފުންޏެއް ކަމަށާއި ނަމަވެސް މިހާރު 40 މިލިއަން ފައިދާގައި ބަހައްޓައިގެން ދަރަނީގެ ބައެއް ހަލާސް ކުރެވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރު އޮކްޓޯބަރު މަހު 15ގައި ފުރަތަމަ ފަހަރަށް ތެޔޮ އަގުހެޔޮކޮށްފައިވާ އިރު ފައިދާ 40 މިލިއަންގައި ހިފެހެއްޓުމަށް އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ދެ މަސް ދުވަހު ވެސް އެސްޓީއޯގެ ފައިދާ 45 މިލިއަން ރުފިޔާގައި ހިފަހައްޓައިގެން ކުރިއަށް ގޮސްފައިވާ ކަމަށް އާޒިމް ވިދަޅުވި އެވެ.
"އެސްޓީއޯގެ ދަރަނި 164 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު އެއިން އެއްވެސް ލޯނެއް އިންވެސްޓްމަންޓްގެ ގޮތުގައި ބޭނުންކޮށްފައެއް ނުވޭ. އިންވެސްޓްމަންޓްތަކަށް 164 މިލިއަން ރުފިޔާ ލޯނަކަށް ނަގާފައިވާ ނަމަ އެސްޓީއޯ އަށް އޭގެ ފައިދާ ވާނެ،" އާޒިމް ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮވުމާ ގުޅިގެން ކުރިން 15.12 އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު އެސްޓީއޯ އިން ވިއްކަނީ 14.12 ރުފިޔާ އަށެވެ. އަދި ކުރިން 14.83 ރުފިޔާ އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 14.08 ރުފިޔާ އަށެވެ.
ރާއްޖެ އަންނަ މަތިންދާ ބޯޓްފަހަރަށް ބޭނުންވާ ޖެޓް ފިއުލް އެއާޕޯޓަށް ސަޕްލައި ކުރަނީ ވެސް އެސްޓީއޯ އިން ނެވެ.