16 Dec 2014, 12:05
ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް މަޝްރޫއުގައި ބައިވެރިވުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށެވެ. އަދި ބުނީ އެ އެއްބަސްވުމުގައި ސައީދު ސޮއިކުރެއްވީ ބެއިޖިންގައި ޗައިނާއާއި ރާއްޖޭން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ ފުރަތަމަ ބައްދަލުވުމަށް ފަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ކަމަށެވެ.
އެ އެމްއޯޔޫގައި ސޮއިކުރުމުން 21 ވަނަ ގަރުނުގެ ސިލްކް ރޫޓް ބިނާކުރުމުގައި ރާއްޖޭން ހަރަކާތްތެރިކަމާ އެކު ރާއްޖެ އަށް ބައިވެރިވެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ގައުމީ އިގުތިސާދީ ޕްލޭންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުން އިތުރަށް ވަރުގަދަ ވާނެ ކަމަށް ވެސް ބުންޏެވެ.
ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެގައުމުގެ އިންވެސްޓްމެންޓްތައް މިހާރަށް ވުރެ ގިނައިން ރާއްޖެ އިން ފެންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން މިއަދު އެކަމާ ބެހޭ ގޮތުން އެމިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިއުމުގައިވެ އެވެ.
ޗައިނާގެ ސިލްކް ރޫޓްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭން ފުރަތަމަ ފާޅުކުރީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އަދި އޭގެ ފަހުން ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަމާ މަޝްވަރާތައް ކުރެއްވި އެވެ.
ޗައިނާގެ ސިލްކްރޫޓް މަޝްރޫއުގައި ރާއްޖޭން ބައިވެރިވުމަކީ އަވަށްޓެރި އިންޑިއާ އިން ރުހޭ ކަމެއް ނޫން ކަމަށް ބުނެ، އެގައުމުގެ ނޫސްތަކުން ކުރިން ހަބަރުފަތުރާފައިވެ އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވާފައިވެ އެވެ.