02 Feb 2011, 14:24
މާލޭގައި މަދިރި ގިނަވެ، ޑެންގީ ބަލި އިތުރުވެފައި ވާތީ، މާލޭގެ ހުރިހާ ސަރަހައްދަކަށް ފޮގް ސްޕްރޭ ކުރަން ފަށައިފި އެވެ.
ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލުން ބުނީ އިއްޔެ އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކަށް ފޮގް ސްޕްރޭ ކުރުމުގެ ކަންތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މާލޭގެ ހުރިހާ ސަރަހައްދުތަކަކަށް ސްޕްރޭ ކުރެވެންދެން ކޮންމެ ރެއެއްގެ ފަތިހު 4:30 ން 6:30 އަށް މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސްޕްރޭ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީއާ އިން ޖެހޭ ހުމަކަށް ވާތީ މަދިރި އުފެދޭ ތަންތަން ބަލައި، މޮނިޓާކޮށް އަދި އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. ޑިޒީސް ކޮންޓްރޯލުން ބުނީ ފޮގް ސްޕްރޭ ކުރުމަށް މަދިރި ނައްތާލުމަށް އޮތް ދާއިމީ ހައްލު ނޫން ކަމަށާއި އެކަމަށް އެންމެ ރަނގަޅީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ނައްތާލުން ކަމަށެވެ.
އެ ސެންޓަރުން ބުނީ މި އަހަރުގެ މިހާތަނަށް 157 ކުއްޖަކަށް ޑެންގީ ހުން ޖެހިގެން މާލެ އާއި އަތޮޅު ތެރެއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 40 ކުދިން، ހަ އަހަރާއި 15 އަހަރާ ދެމެދު 48 ކުދިން އަދި 15 އަހަރުން މަތީގެ 69 މީހަކު ހިމެނެ އެވެ.
ޑެންގީ ހުން ޖެހިގެން މިދިޔަ އަހަރު ދެ ކުއްޖަކު މަރުވެފައި ވާއިރު މި މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު ޑެންގީ ހުން ޖެހިފައި ވަނީ 77 މީހެކެވެ.