މެންޗެސްޓާ ޔުނައިޓަޑް މިހާރު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، އެ ޓީމަށް މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލިގު ކާމިޔާބު ކުރެވިދާނެ ކަމަށް އެ ޓީމްގެ ކުރީގެ އެސިސްޓެންޓް ކޯޗް ޕިލް ނެވިލް ބުނެފިއެވެ.

ފިލް ބުނީ ޔުނައިޓަޑަށް ލީގުގެ ފެށުން ރަނގަޅުކުރެވިފައި ނުވި ނަމަވެސް، މިހާރު އެ ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި، ޓީމުގެ ކުޅުންތެރިންނަށް ލީގު ކާމިޔާބު ކުރެވިދާނެކަމަށް ގަބޫލު ކުރާ ކަމަށެވެ.

އޭނާ ބުނީ އެފަދަ ރޫހެއްގައި ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ޓީމަށް މިހާރު ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ލީގު ކާމިޔާބު ކުރެވިދާނެކަން ޓީމުގެ ކުޅުންތެރިން ޔަގީންކުރާ ކުރުން ކަމަށެވެ.

"ޔުނައިޓަޑަށް މިފަހަރުގެ ލީގު ކާމިޔާބު ކުރެވިދާނެ. އެ ޓީމުގެ ކުޅުންތެރިންނަށް މިހާރު އެކަން ގަބޫލުކުރެވޭ. އަދި އެ ޓީމްގެ ކޯޗް ވެން ހާލް އަށްވެސް މިހާރު އެކަން ގަބޫލު ކުރެވޭ. ކުޅުންތެރިންގެ ރޫހު މިހާރު ވަނީ ވަރަށް ވަރުގަދަ ވެފައި. އެއީ ފުޓްބޯޅައިގައި ކާމިޔާބީ ހޯދަން ވަރަށް މުހިންމު ކަމެއް،" ފިލް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓަޑަށް ކުރިން ކުޅެދިން އިރު ހަ ފަހަރު މަތިން އެ ޓީމަށް ލީގު ކާމިޔާބު ކުރަން އެހީތެރިވެދިން ފިލް ނެވިލް ވަނީ އެ ޓީމުގެ މިދިޔަ ސީސަންގެ ކޯޗް ޑޭވިޑް މޮޔެސްގެ ދަށުން ޔުނައިޓަޑްގެ އެސިސްޓަންޓް ކޯޗެއްގެ މާގާމުވެސް އަދާކޮށްފައެވެ. މިހާރު ޔުނައިޓަޑްގެ ކުޅުމާއި އޭނަ އެ ޓީމަށް ކުޅެދިން އިރު އެނާގެ ތަޖުރިބާއާ އަޅާކިޔަމުން ފިލް ބުނީ ޔުނައިޓަޑް މިދިޔަ ހަފްތާގައި ސައުތޭމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލުމަށްފަހު ސަޕޯޓަރުންނާއެކު އުފާ ފާޅުކުރި ވަގުތަކީ އެ ޓީމުގެ އަޒުމު ދައްކުވައިދިން ވަގުތެއް ކަމަށެވެ.

"އެ މެޗު ނިންމާލުމަށްފަހު ޓީމްގެ ކުޅުންތެރިންގެ އިތުރުން ކޯޗު ވެން ހާލް އާއި އެހެން އޮފިޝަލުންވެސް ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމުގައި ބައިވެރިވުމަކީ ޓީމުގެ އަޒުމާއި ރޫހު ދައްކުވައިދޭ ކަމެއް. އަހަރެން އެ ޓީމަށް ކުޅެދިން އިރުވެސް އެފަދަ ވަގުތުތަށް ތަޖުރިބާ ކުރިން. އެފަދަ ރޫހަކާ އަޒުމެއްގައި ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫން،" ފިލް ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުވެސް ކާމިޔާބު ކުރި މެންޗެސްޓާ ޔުނައިޓަޑް މިހާރު އޮތީ މުޅިއަކު 31 ޕޮއިންޓާއެކު އިންގިރޭސި ލީގު ތާވަލްގެ ތިން ވަނައިގައެވެ. ޔުނައިޓަޑްގެ ފޯވާޑް ލައިންގައި އެ ޓީމްގެ ރޮބިން ވެން ޕާސީ އާއި ވޭން ރޫނީ ފަދަ ކުޅުންތެރިން ފަހަކަށް އައިސް ވިދާލަމުން އަންނައިރު، އެ ޓީމުގެ ޑިފެންސް ލައިން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ފުޓްބޯޅައިގެ ގިނަ މާހިރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ހުރި ގޮންޖެހުންތަކާ އެކުވެސް އެ ޓީމް ވަނީ އެންމެ ހަ މެޗުގެ ރާސްތާއެއްގައި ތާވްލްގެ 10 ވަނައިން ތިންވަނައަށް ދަތުރުކޮށް، ތާވަލްގެ އެއްވަނައިގާ އޮތް ޗެލްސީއާ އެ ޓީމާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަ ކޮށްލާފައެވެ.