ސޫރިޔާ ސިފައިންގެ މުހިއްމު ދެ މަރުކަޒެއް އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) އިން ހިފައިފި އެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ އެކްޓިވިސްޓުންނާ ހަވާލާދީ ނިއުޔޯކްޓައިމްސް ބުނީ ސޫރިޔާގެ އިދުލީބު ޕްރޮވިންސްގައިވާ ދެ މަރުކަޒު ޖަބުހަތުއް ނުސްރާއީން ހިފީ އެ ޖަމާއަތުން އެ ދެތަން ހިސާރުކޮށްގެން އުޅޭތާ ދެ އަހަރުވީ ފަހުން އިއްޔެ ކަމަށެވެ. އަދި ބުނީ އެޖަމާއަތަށް ނަސްރުލިބުނީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ މެދުމިނުގެ ޖަމާއަތްތައް ބަލިކޮށް އެމީހުން އަތުން ހޯދި އެމެރިކާގެ ޓޯވް ޓޭންކްތައް ބޭނުންކޮށްގެން ކަމަށެވެ. ދެ މަރުކަޒު ހިފުމަށް ކުރި ހަނގުރާމައިގައި ޖަބުހަތުއް ނުސްރާގެ 12 މީހުންނާއި ސަރުކާރު ސިފައިންގެ 31 މީހުން މަރުވި ކަމަށާއި ސިފައިންގެ 15 މީހުން ރަހީނުވި ކަމަށް ވެސް އެނޫސް ބުންޏެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގައިވާ އިދުލީބު ޕްރޮވިންސްގެ ވާދީ ދައިފް އާއި ހަމީދިއްޔާ އަސްކަރީ މަރުކަޒު ދޫކޮށް ސޫރިޔާ ސިފައިން ދިޔައީ އާދީއްތަ ދުވަހު ޖަބުހަތުއް ނުސްރާގެ ހަމަލާތައް ވަރުގަދަ ވުމުންނެވެ. އެ ދެ މަރުކަޒު ގެއްލުމަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބުނު ބޮޑު ގެއްލުމެކެވެ. ޖަބުހަތުއް ނުސްރާއަކީ އެމެރިކާއާއި އެގައުމާ ބައިވެރިވާ ގައުމުތަކުން މިހާރު ސޫރިޔާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ދެވަނަ އަމާޒެވެ.

ސޫރިޔާ ހަނގުރާމައިގައި މިހާތަނަށް 200،000 އަށް ވުރެ ގިނަ އާއްމުން ވަނީ މަރުވެފަ އެވެ. އެގައުމުގެ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާތާ ތިން އަހަރު ވެފައިވާ ހަނގުރާމައި ސަރުކާރުން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ބޭނުންކުރިކަން ވަނީ ފަޅާއަރާފައެވެ.