ލ. އަތޮޅު ގަމުގައި އަމީން ކޮންސްޓްރަކްޝަނުން އެޅި ގެސްޓް ހައުސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހުޅުވައިދެއްވައިފި އެވެ.

އެ ގެސްޓް ހައުސް ހުޅުވުމަށް މިއަދު އޮތް ރަސްމިއްޔާތަށް ފަހު ރައީސް ވަނީ އެ ގެސްޓް ހައުސް ބައްލަވާލައްވައިފަ އެވެ.

ގައުމުގައި އަޅާފައިވާ ގެސްޓް ހައުސް -- ފޮޓޯ މުހައްމަދު ސާޖިދު

ގަމު މުކުރި މަގު ސިނާއީ ސަރަހައްދުގައި ހަދާފައިވާ "ޕަލާޒޯ" ނަމަކަށް ކިޔާ އެ ގެސްޓް ހައުސް އަކީ އަމީން ކޮންސްޓްރަކްޝަންގެ ދަށުން އުފައްދާފައިވާ ޓޮޕް ޓެކް އިންވެސްޓްމަންޓުގެ ފަރާތުން އެރަށުގައި އަޅާފައިވާ 28 ކޮޓަރީގެ ގެސްޓް ހައުސްއެކެވެ.
ގަމުގައި އަޅާފައިވާ ގެސްޓް ހައުސް -- ފޮޓޯ/ މުހައްމަދު ސާޖިދު

އެ ގެސްޓްހައުސްގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ސާޖިދު މިއަދު "ސަން" އަށް ވިދާޅުވީ ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހަރަދު ހަރަދުކޮށްގެން ހަދާފައިވާ އެ ގެސްޓް ހައުސްއަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ތަނެއް ކަމަށެވެ.

"އެކިއެކި ސަބަބުތަކާ ހުރެ ތަނުގެ މަސައްކަތް ދުވަސްގަނޑަކަށް މެދުކެނޑިގެން ދިޔަ، އެހެންވެ އެހާ ލަސްވެގެންދިޔައީ ގެސްޓްހައުސް ހުޅުވަން،" ސާޖިދު ވިދާޅުވި އެވެ.

ސުވިމިންގް ޕޫލަކާއި ކުޅިވަރާއި ރެކްރިއޭޝަންގެ ބައިތައް ހިމަނައިގެން ހަދާފައިވާ އެ ގެސްޓް ހައުސްގެ ބޮޑު މިނަކީ 68،000 އަކަފޫޓެވެ. އެ ގެސްޓްހައުސް ހަދާފައިވާ ބިމަކީ އެރަށުގެ ރައްޔިތުންގެ އަތުން ކުއްޔަށް ހިފާފައިވާ ބަންޑާރަ ބިމެކެވެ.
ގައުގައި އަޅާފައިވާ ގެސްޓް ހައުސް -- ސަން ފޮޓޯ އަލީ ވާފިރު

ގަމުގައި އަޅާފައިވާ މި ގެސްޓް ހައުސްގެ އިތުރުން ވިލިމާލޭގައި ވެސް ޓޮޕް ޑެކް އިންވެސްޓް މަންޓްގެ ގެސްޓް ހައުސްއެއް ސީހައުސް ޓޮޕް ޓެކްގެ ނަމުގައި ވެސް ގެންދަނީ ހިންގަމުންނެވެ. އެތަން ހިންގަމުން ގެންދަނީ ސީހައުސްގެ މެނޭޖްމަންޓުންނެވެ.