16 Dec 2014, 11:00
މާލެއާއި އަތޮޅުތެރޭގައި ލޮލުރޯގާ އިތުރުވެ، އަތޮޅުތެރެއިން އެކަނިވެސް ހަފްތާއަކު 250 އަށް ވުރެ ގިނަމީހުނަށް ލޮލުރޯގާޖެހިގެން ރިޕޯޓު ކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އީން ބުނެފިއެވެ.
އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މިއަދު 'ސަން' އަށް ވިދާޅުވީ ލޮލުރޯގާ މާލޭގެ އިތުރުން މިހާރު އަތޮޅު ތެރެއަށް ވަރަށް ބޮޑަށް ފެތުރެމުން ދާ ކަމަށާއި، މިހެން މިދިމާވަނީ ސުކޫލުތަކުގެ ބަންދު ދުވަސް ވަރާދިމާކޮށް ދަތުރުކުރާ މީހުން ގިނަވުމުން ކަމަށެވެ.
އަރޫނާ ވިދާޅުވީ ގައިން ގަޔަށް ލޮލުރޯގާ އެރުމަށް ދިމާވަނީ، ބަލިޖެހިފައި ހުންނަ މީހަކު އަތްލާ ތަން ތަނުގައި އަތްލުމަށް ފަހު ލޮލަށް، އަނގަޔަށް ނުވަތަ ނޭފަތަށް އަތް ލެވޭތީ ކަމަށެވެ. އެހެން ކަމުން ބަލި ޖެހުމުން ލޮލުގައި އަތްލުމަށްފަހު ނުވަތަ ކެއްސާ ކިނބިހި އެޅުމަށް ފަހު އަތް ނުދޮވެ އެއްވެސް ތަނެއްގައި އަތް ނުލުމަށް އަރޫނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި ބަލިމީހާ ގެންގުޅޭ ފޯނު ފަދަ ތަކެތި ބަލި ޖެހިފައި ހުންނަ ދުވަސް ވަރު އެހެންމީހުން ބޭނުންކުރުމަކީ އެންމެ ރައްކާތެރިގޮތެއް ނޫންކަމަށް އަރޫނާ ވިދަޅުވިއެވެ.
"ލޮލު ރޯގާގެ ވައިރަސް ހަށިގަނޑު ތެރެއަށް ވަންނަނީ، ލޮލުން، ނޭފަތުން އަދި އަނގައިން އެހެންވީމަ، ބަލިމީހާ އާންމުކޮށް ހިފާ އުޅޭ ތަކެތި ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ،" އަރޫނާ ވިދާޅުވިއެވެ.
މީގެ އިތުން މި ބަލިން ސަލާމަތްވުމަށް ކެއްސާ ކިނބިހި އެޅުމަށް ފަހުއާ، ލޮލުގައި ނުވަތަ ނޭފަތުގައި އަތް ލުމަށް ފަހު ރަގަޅަށް އަތްދޮވެ ސާފުކުރުމަށް އަރޫނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ. ލޮލުރޯގާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ.