16 Dec 2014, 11:07
ބާލިން (ޑިސެމްބަރު16): ޖަރުމަނަށާއި ޔޫރަޕްގެ އެހެން ގައުމުތަކަށް ހިޖްރަކުރާ މުސްލިމުންނާ ދެކޮޅަށް އަޑުއުފުލައި އެގައުމުގެ ޑްރެސްޑަން ސިޓީގައި ޔޫރަޕްގެ ހަރުކަށި ފަރާތްތަކުން ވަރަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.
އިއްޔެ ބޭއްވި މިހިނގާލުމުގައި 15 ހާހަށްވުރެ ގިނަމީހުން ބައިވެރިވެފައި ވާތީ ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްވަނީ ނިއުނާޒީ ފިކުރުތައް ޖަރުމަނުގައި ފެތުރޭކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މި ހިނގާލުން އިންތިޒާމް ކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރާ މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ނަސްލީ އިތްތިޔާޒުގެ ހައްދުފަހަނަޅާފައިވާ ފިކުރަށް ނިސްބަތްވާ ޖަމާއަތަކުންނެވެ. މިޖަމާއަތަށް ނިސްބަތްވާ މީހުންނާއި އެމީހުންނަށް ތާއީދުކުރާ ނާޒީ ފިކުރުގެ މީހުންވަނީ ޖަރުމަނަށާއި ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރާ މުސްލިމުންނަކީ ޔުރަޕްގެ ގައުމުތައް އިސްލާމް ކުރުވައި ޔޫރަޕްގެ ނަސާރާއިންގެ މެދުގައި އިސްލާމް ދީން ފެތުރުމަށް މަސައްކަތްކުރާ ބައެއް ކަމަށް ސިފަކޮށްފަ އެވެ. މީގެއިތުރުން މުސްލިމުންނަކީ ތަރައްގީގައި ވަރަށް ފަހަތުގައި އުޅޭ، ޓެރަރިޒަމްގެ އަމަލުތައް ކުރިޔަށްނެރޭ، ނާތަހުޒީބު ބައެއްކަމުގެ ޝިޢާރުތައް ވެސް ހައްދުފަހަނަޅާފައިވާ މިޖަމާއަތުގެ މީހުން ފާޅުކޮށްފައިވެ އެވެ.
މިޖަމާއަތުގެ މީހުން މުސްލިމް މުހާޖިރުންނާ ދެކޮޅަށް އަޑުއުފުލުމަށް ޓަކައި މިދިޔަ ހަފްތާގައި ވެސް ބޮޑު އެއްވުމެއް ބާއްވައި އެޖަމާއަތުން ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ހަރުކަށި ފިކުރުތަކާއި ޝިޢާރުތައް ފާޅުކޮށްފައިވެ އެވެ. ޖަރުމަނުގެ ސަރުކާރުން ވަނީ މި ޖަމާއަތުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޕްރޮޕަގެންޑާ ހަރަކާތްތަކަކީ ނަސްލީ އިމްތިޔާޒުގެ ހަރަކާތްތަކެއް ކަމަށް ސިފަކޮށް މިހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޖަރުމަނު ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ޖަރުމަނުވިލާތުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މުސްލިމުންނާ އިސްލާމް ދީނާ އިދިކޮޅު އަދި މުސްލިމުންނާމެދު ނަފްރަތާއި ހަސަދަ ގެންގުޅޭ ހަރުކަށި ވިސްނުމުގެ މީހުން މިހަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށް އެގައުމުގެ މީޑިޔާ ބުނެ އެވެ. (އަލްޖަޒީރާ)