16 Dec 2014, 10:24
އެމްޑީޕީގެ ގައުމީ މަޖިލިސް ރޭ ހިނގަމުން ދަނިކޮށް އެ މަޖިލީހަށް ހުރަސް އެޅުމުގެ ގޮތުން މާލެ ސިޓީ ކައުންސިލް ހޯލު ތެރެއަށް ވަދެ އެ ޕާޓީގެ ބަޔަކު ހުރަސް އެޅުމަށް މަސައްކަތް ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލް ހޯލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީ އަށް ނިސްބަތްވާ އާންމު މެމްބަރުން ނެވެ. އެ މަޖިލިސް ކުރިއަށް ދަނިކޮށް މާލެ ސިޓީ ކައުންސިލް ހޯލު ތެރެއަށް ވަދެ ހުރަސް އެޅުމަށް އިސްވެ މަސައްކަތް ކޮށްފައި ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ހުސައިން މުނައްވަރު (ކުޑަފޫޅު) އާއި އަދިވެސް އިތުރު މަދު ބައެކެވެ.
އޭނާ މާލެ ސިޓީ ކައުންސިލް ތެރެއަށް ވަދެ "އެހެނެއް ނުހެދޭނެ، އެކަން އެގޮތަކަށް ނުކުރެވޭނެ" ކަމަށް ބުންޏެވެ. އަދި އެވަގުތު ސިޓީ ކައުންސިލް ހޯލުގައި ތިބި އެމްޑީޕީގެ މެމްބަރުން ވަނީ އޭނާ އެތަނުން ނެރެފަ އެފަ އެވެ. އަދި އެވަގުތު އެތަނަށް ފުލުހުން ވެސް ދިޔަ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ރޭ ކުރިއަށް ދިޔަ ވަގުތު އެތަނަށް ބަޔަކު ވަދެ ގައުމީ މަޖިލީހަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައިވާ އިރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނު ވަކި ކުރުމާ ދެކޮޅަށް އެމްޑީޕީން ބޭއްވި މުޒާހަރާއާ ދެކޮޅަށް އެމްޑީޕީގެ ދިދަ ހިފައިގެން މަދު ބަޔަކު ނުކުމެ ވަނީ އަޑުއުފުލާފައި އެވެ.
ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބަހުގެ ހޫނު ހަމަލާތައް ރައީސް ނަޝީދަށް ދަނީ އަމާޒު ކުރަމުންނެވެ.
އެގޮތުން އިއްޔެގެ މަޖިލީހުގައި ވެސް މޫސަ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް އަނިޔާ ކުރި ކަމަށާއި އެ މައްސަލަތަކަށް ފަސްއަޅައި ފޮރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.