16 Dec 2014, 10:12
ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ޗެލެންޖް ކަޕް 2014 ގައި ހެއްޔަންބޯ ކުޅުނު ދެވަނަ މެޗު އެ ޓީމް ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ހެއްޔަންބޯއާ ދެކޮޅަށް ވާދަކުރީ ސެންޓާ ފޮކްސަސް އެވެ. އެ މެޗު ހެއްޔަނބޯ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހެއްޔަނބޯއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށް ހެއްޔާނބޯއަށް މެޗުގައި ލީޑު ހޯދަދިނީ އެ ޓީމްގެ އަހުމަދު ނިޔާޒު އެވެ.
މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ވާއިރު، ދެ ޓީމަށްވެސް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތް ނުވެފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ސެންޓާ ފޮކްސަސް އަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ސެންޓާ ފޮކްސަސްއަށް ލިބުނު ޕެނަލްޓީގައި އެ ޓީމްގެ އިސްމާއިލް މުހައްމަދު ފޮނުވާލި ބޯޅަ ޖެހިފައި ވަނި ގޯލުގެ ހުރަސް ދަނޑީގައެވެ.
އިއްޔެ ކުޅުނު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހެއްޔާނބޯގެ މިގްދާދު ސައީދުއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފަރާތަށް ތައްޓާއި އިނާމް ހަވާލިކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު، ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު އެވެ.
ލީގު އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދާ އެ މުބާރާތުގައި ގދ. ތިނަދޫގެ ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މިހާތަނަށް ތިން ޓީމް ވަނީ ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައެވެ. ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގައި ތާވަލްގެ އެންމެ ކުރީގައި ހަ ޕޮއިންޓާއެކު އޮތީ ބަރާސިލާ އެވެ. އަދި ހެއްޔާނބޯ އާއި ސެންޓާ ފޮކްސަސް ކޮންމެ ޓީމެއްވެސް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، ދެ ޓީމަށްވެސް އަދި މިހާތަނަށް ލިބިފައި ވަނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ.
އެ މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހޯބަހަކުން އާއި ޑިއެފް ބާސާ އެވެ. އެ ދެ ޓީމް ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި، ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.