މަހަށް ނުކުމެ އުޅުނު ކުޑަ ދޯންޏެއް ކަންނެލި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:20 އެހާކަންހާއިރު ނ. ވެލިދޫ ބޭރުގައި ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 78 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި 77 އަހަރުގެ މީހަކަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އަހުމީން މިއަދު ސަން އަށް ވިދާޅުވީ ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ އެ ރަށު އަންނާރުމާގެ ހަސަން މޫސަ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ "ވިހަފަރު" ފަޅު ކައިރިއަށް އެންދަމަން ނުކުތް ވެލިދޫ "ކިރުދޫނި" ނަމަކަށް ކިޔާ މަސްދޯނި ގޮސް އެ ވަގުތު އެހިސާބުގައި އަޅާފައި އޮތް "ގުރުވަ" ނަމަަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ޖެހިގެން ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ހަސަން މޫސާ މަރުވެފައި ވަނީ ދެ ދޯނީގެ ދެމެދުގައި ތާށިވެގެންނެވެ.

ކައުންސިލަރު ވިދާޅުވީ އެ ހަދިސާގައި މަރުވި ހަސަން މޫސަގެ ގޮހޮރު ވެސް އޮތީ ބޭރުގައި ކަމަށެވެ. އޭނާ ވިދާޅުވީ މަރުވި ހަސަން މޫސަ އިނީ އެކްސިޑެންޓްވި ވަގުތު ކަންނެލި ދޯނީގައި ޖެހުނު ފަޅީގައި ކަމަށެވެ. އަދި އެވަގުތު އެފަޅީގައި ހުރި އެކަކު ދޯނި ތެރެއަށް ވެއްޓި އޭނާގެ ކޮނޑުހުޅު ބިނދުނު ކަމަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ އެެ މީހާ އަށް ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

"ކަނޑުގައި އޮތީ ކަންނެލި ދޯނި ނަގިލި ނަގަން ވެގެން މަޑުކޮށްގެން. މަސްދޯނި ގޮސް ކަންނެލި ދޯނީގެ އަރިމައްޗަށް އަރާފައި ހުރި،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހާދިސާގައި ކަންނެލި ދޯންޏަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށާއި ނަމަވެސް ކިރުދޫނި ދޯނީގެ ގެގަނޑު ހަލާކުވެ ދޯނީގެ އެއްފަޅިއަށް ގެއްލުންވެފައިވާ ކަމަށެވެ.

އެހާދިސާއާ ގުޅިގެން ދޯނި ދުއްވަން ހުރި އުމުރުން 67 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނަގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.