02 Feb 2011, 14:04
ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭ ސިޓީ އަށް ގަލޮޅު ދެކުނުން ޑީއާރްޕީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ގ. ޗާންދަނީމާގޭ، އިބްރާހިމް ސުޖާއުގެ ފަރާތުން 1.3 މިލިއަނަށް ވުރެ ރުފިޔާ ހޯދުމަށް މީހަކު ސިވިލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.
ހ. ހިރިފުށި، ހާމިދު އިސްމާއިލު، ސުޖާއުގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ހާމިދުގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަނބުރާ ދައްކާ ގޮތަށް ސުޖާއު އަށް ހާމިދު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. އެ ފައިސާތައް ދީފައި ވަނީ ސުޖާއުގެ ޑޭޓެޑް ޗެކުތަކެއް ބަހައްޓާފައި ކަމަށާއި ނަމަވެސް އެ ޗެކުތަކުގައިވާ ތާރީހު ފަހަނައަޅައި ދިޔަ އިރު ވެސް ސުޖާއު ހާމިދަށް އެ ފައިސާ އެއްކޮށް އަނބުރާ ދައްކާފައި ނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ސުޖާއުއަށް ހާމިދު ލޯނު ކުރި ފައިސާތަކުގެ ތެރެއިން ބައެއް ފައިސާ އަނބުރާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ވެސް ސުޖާއުގެ ފަރާތުން ނުލިބިވާ 1،315،225ރ. އަނބުރާ ހޯދުމަށް ވަކީލު އެދިވަޑައިގަތެވެ.
އިބްރާހިމް ސުޖާއުގެ ވަކީލު ޝަހީމް އަހުމަދު މިއަދު ވިދާޅުވީ އެ މައްސަލައިގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން އޭނާ ސުޖާއުއާ ވާހަކަ ދައްކަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއް ދުވަހުގެ ފުރުސަތެއް ވެސް އެކަމަށް ރަނގަޅުވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މާދަމާއަށް މައްސަލަ ޝެޑިއުލް ކުރެއްވުމަށް ފަހު އެވެ.
އެ މައްސަލައަކީ މީގެ ކުރިން ވެސް ސިވިލް ކޯޓުގައި ހިންގާފައިވާ މައްސަލައެކެވެ. އެކަމަކަ އެފަހަރު އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުމާ ހަމައަށް ގޮސްފައި ވަނިކޮށް ހާމިދުގެ ފަރާތުން ކޯޓަށް ހާޒިރުނުވެގެން މައްސަލަ ވަނީ ބާތިލްކޮށްފަ އެވެ.