06 Apr 2010, 10:09
10:00
މިހާރު ފެންނަމުންދަނީ ގައުމާއި ރައްޔިތުންގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަށަށް ދަމުންދާތަން ކަމަށާއި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އިސްލާހީ ހަރަކާތްތަކައިގެން ކުރިއަށްވަޑައިގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އޭނާ އަށް ދެއްވުމާ ގުޅިގެން ސަންއެފްއެމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުމަށްޓަކައި ތިން ހާސްމީހުންގެ ސޮއިހޯދުމުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުން ހޮވިވަޑައިގެންނެވި ފަރާތްތަކުން ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެންނަވާތޯ ބައްލަވާފައިވާނެ ކަމަށާއި ނަމަވެސް، ބޭނުންވި އިސްލާހީ ބަދަލުތަކަށް މަގުފަހިވެގެން ދިޔަތަން ފެނިވަޑައިނުގަންނެވި ކަމަށެވެ. އަދި ވެރިކަން ހިންގާ ފަރާތުންނާއި އިދިކޮޅު ފަރާތްތަކުންވެސް ރައްޔިތުންގެ ހައްގުގާ މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވިދާޅުވީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ ބަލާނީ ރައްޔިތުންގެ ރުހުމާ ތާއީދަށް ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުނާއި އެކުގައި ކަމަށެވެ.
ޑރ. މުނައްވަރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 2008 ވަނަ އަހަރު ވާދަކުރައްވާފަ އެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށްފަހު ޑރ. މުނައްވަރު ވަނީ ހަމަ އެއަހަރުގެ އޯގަސްޓް މަހުގެ ތެރޭ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ޕާޓީން އިސްތިއުފާދެއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.