16 Dec 2014, 10:46
ސިޑްނީ (ޑިސެމްބަރު16): އޮސްޓްރޭލިޔާގެ ސިޑްނީގެ ކެފޭއެއްގައި އެތައް ބަޔަކު ރަހީނުކޮށްގެން އުޅުނު ހަތިޔާރުއެޅި މީހަކީ ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށްވެފައިވާ އީރާން ރައްޔިތެއް ކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އަބުޓް ވިދާޅުވެއްޖެ އެވެ.
އަބުޓް ވިދާޅުވީ އޭނާއަކީ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން ގެންދިޔުމުގެ އިތުރުން ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ފިރުތަކެއްގެ ޝިކާރައަކަށްވެސް ވެފައި އަދި ނަފްސާނީ ގޮތުން ވެސް ބަލިމީހެއްކަން އޮސްޓްރޭލިޔާގެ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމުގަ އެވެ. ސިޑްނީގެ ކެފޭގެ ޙާދިސާއިން ޓެރަރިޒަމާ ކުރިމަތިލުމުގައި އޮސްޓްރޭލިޔާއަށް ދަރުސްތަކެއް ލިބިގެންދިޔަކަމަށް ވެސް އަބުޓް ވިދާޅުވި އެވެ. ސިޑްނީގެ ކެފޭގައި ރަހީނުންގެ ގޮތުގައި 30 ވަރަކަށްމީހުން ހިފަހައްޓައިގެން އުޅުނު ހަތިޔާރުއެޅިމީހާ ވަނީ އިރާގުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުން ގެންގުޅޭ ޝިޢާރުތައް ބޭނުންކުރުމަށް މަސައްކަތް ކޮށްފައި ކަމަށް ވެސް އަބުޓް ވިދާޅުވި އެވެ.
ސިޑްނީގެ ކެފޭގައި އެތައް ބަޔަކު ރަހީނުކޮށްގެން އުޅުނު ހަތިޔާރުއެޅި މީހާ މަރާލުމަށް ފަހު ރަހީނުން މިނިވަންކޮށްފައި ވަނީ ރޭ މެންދަމަށްވުރެ ވެސް ފަހުގެ ވަގުތެއްގަ އެވެ. އޮސްޓްރޭލިޔާގެ ކޮމާންޑޯޒް ބާރުތަކުން ހިންގި ރަހީނުން މިނިވަން ކުރުމުގެ އޮޕަރޭޝަންގައި އިތުރު ދެމީހުން މަރުވެ ހަތަރުމީހުން ޒަޚަމްވެފައިވެ އެވެ.

ރަހީނުން މިނިވަން ކުރުމަށްޓަކައި އޮސްޓްރޭލިޔާގެ ކޮމާންޑޯސް ބާރުތަކުން އެކެފޭއަށް ވަދެގަތީ އެތަނުގެ އެތެރޭން ބާރުގަދަ އެއްޗެއް ގޮއްވާލި އަޑާއެކު އޮސްޓްރޭލިޔާ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައި ވަރަށް ކުއްލި ގޮތަކަށް ކަމަށްވެ އެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ރަހީނުންގެ ތެރެއިން ހަ މީހުންވަނީ ހަތިޔާރުއެޅި މީހާގެ އަތްދަށުން ސަލާމަތްވެގެން އެތަނުން ފިލާފަ އެވެ. ސިޑްނީގެ މެދުތެރޭގައިވާ ވިޔަފާރީގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދުގައި ހުންނަ އެ ކެފޭއަށް ބަޑި ހިފައިގެން މީހަކު ވަދެ އެތާނގައި ތިބި މީހުން ރަހީނުކޮށްފައިވަނީ އިއްޔެގެ ހެނދުނުގަ އެވެ.
ހަތިޔާރު ހިފައިގެން ކެފޭއަށްވަދެ މީހުން ރަހީނުކުރީ ރެފިއުޖީއެއްގެ ގޮތުގައި އޮސްޓްރޭލިޔާގައި ދިރިއުޅޭ މާން ހާރޫން މޫނިސް ނަމަކަށްކިޔާ އީރާން ދަރިކޮޅުގެ މީހެއް ކަމަށާ އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއްގައި އުޅޭމީހެއް ކަމަށް އޭނާގެ ގާނޫނީ ވަކީލާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނެފައިވެ އެވެ. ރަހީނުން މިނިވަން ކުރުމަށް ޓަކައި އޮސްޓްރޭލިޔާ ކޮމާންޑޯޒް ބާރުތަކުން ހިންގި އޮޕަރޭޝަންގައި ހަތިޔާރުއެޅި މީހާގެ އިތުރުން ރަހީނުންގެ ދެމީހުން ވެސް މަރުވެ އިތުރު ހަތަރުމީހުން ޒަޚަމްވި ނަމަވެސް މިއޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުންވަނީ ސިފަކޮށްފަ އެވެ. ރަހީނުން މިނިވަންކުރުމުގެ އޮޕަރޭޝަންގައި މަރުވި ދެ ރަހީނުންގެ ތެރެއިން އެކަކީ 34 އަހަރުގެ ފިރިހެނެކެވެ. އަނެކަކީ 38 އަހަރުގެ އަންހެނެކެވެ. (ރޮއިޓާސް)