16 Dec 2014, 00:21
އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީގެ އެކި ގޮފިތަކުން ނިންމާ ނިންމުންތަކަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިނަކަށް ވެސް އަދި އެހެން މިނިވަން މުއައްސަސާއަކަށް ވެސް އަރައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް ރާއްޖޭގެ ވެރިކަން ހަވާލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކީ އެ ޕާޓީންނާއި އެ ޕާޓީގެ މެމްބަރުން ނިންމި ނިންމުމެއް ކަމަށާއި އެއްވެސް ފަރާތަކަށް އެފަދަ ކަންކަމަކަށް ފާޑުކިޔައި ނުހެދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން ކަންކަމާ ދޭތެރޭ ދެކޭގޮތް، އަޅުގަނޑުމެން ދާނީ ހާމަކުރަމުން. މި ޕާޓީގެ ގަރާރަކާއި ގުޅޭ ގޮތުން ޕްރޮސިކިއުޓަރު ޖެނެރަލް ވާހަކަފުޅު ދައްކަވާފައި ވަނީ. މި ޕާޓީ ދެކެނީ މިއަދު މިވަގުތު ދިވެހިރާއްޖޭގެ ވެރިކަމަށް ގާސިމް އިބްރާހިމަށް ވެރިކަމަށް ވަޑައިގަތުމަށް މި ޕާޓީ އެހީތެރިވެދިނުމަށް ކަމަށް މި ޕާޓީގެ ގައުމީ މަޖިލީހުން އޮތީ ނިންމާފައި. އެއީ ހިޔާލުފާޅު ކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި އެންމެހާ އަސާސީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެންގެ ނިންމުމުގެ މައްޗަކަށް ޕްރޮސިކިއުޓަރު ޖެނެރަލްއަކަށް ވެސް އަދި އެހެން މުއައްސަސާއަކަށް ވެސް އަރައެއް ނުގަނެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެރިކަން ހަވާލުކުރުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި މައްސަލާގައި ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް އިލެކްޝަންސް ކޮމިޝަނަށް އެންގުމުންނެވެ.
ޕީޖީ މުހުތާޒު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރެވޭނެ ގޮތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އުފުއްލާނެ ގޮތްތަކާއި ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވޭނެ ފަރާތްތަކާއި ހާލަތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ގާނޫނު އަސާސީއާ ޚިލާފަށް ސިޔާސީ ޕާޓީތަކުން ގަރާރުތައް ފާސް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް މިހާރަށް ވުރެ ޒިންމާދާރު ކުރުވުމަށް ޓަކައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅު އެޅުމަށް ދަންނަވާ ކަމަށް އެ ސިޓީގައިވެ އެވެ.