16 Dec 2014, 00:04
ދުނިޔެއަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ ޒުވާނުން ކަމަށާއި އެ އަސަރުތަކުން ޒުވާނުން ދުރުކޮށް ބާރުވެރި ކުރުމަށް ބޭނުންވަނީ އިސް މީހުންގެ މަގު ދެއްކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ޑިމޮކްރަސީ ހައުސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޔޫތް ލީޑާޝިޕް ޕްރޮގްރާމުގެ ފަސް ވަނަ ޕްރޮގްރާމް ނިންމުމަށް މިރޭ ބަޑޮސް އައިލެންޑް ރިސޯޓް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ކޮންމެ ތަނެއްގެ ވެސް ކުރިމަގު ބިނާވެގެންދަނީ ޒުވާނުންގެ ހުނަރުވެރިކަމުގެ މައްޗަށް ކަމަށެވެ.
ދުނިޔެ އަށް އަންނަ ބަދަލުތަކާއެކު ޒުވާނުންނަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށް އިޝާރާތްކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް ބޭނުންވަނީ ރަނގަޅު މައުލޫމާތާއި ތަމްރީނުގެ އިތުރުން އިސްމީހުންގެ މަގުދެއްކުން ކަމަށެވެ.
"ދުނިޔެ މިއަންނަނީ ކުޑަވަމުން، ގުޅި ލާމެހެމުން. ޓެކްނޮލޮޖީގެ މި ދުވަސްވަރުގެ ތެރެއަށް ތައާރަފްވަމުން އަންނަ ބައެއް ކަންތައްތަކަކީ ދީނާ ސަގާފަތާއި ގަބޫލުކުރާ ހަމަތަކާ ވަރަށް ބީރައްޓެހި ކަންތައްތަކެއް. މިފަދަ ކަންތައްތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ ޒުވާނުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ޒުވާނުން ބާރުވެރިކުރުމަށް ޑިމޮކްރަސީ ހައުސްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމުން ދަސްވި ކަންތައް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.
"ތިމާގެ ހައްގުތައް ފެށޭ ގޮތަށް އެ ހައްގުތައް ނިމޭނެކަން ވެސް ގަބޫލުކުރުމީ ތިޔަ ދަރިވަރުން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމެއް. މި ޕްރޮގްރާމުގެ ތެރެއިން ދަސްކުރި ހުނަރުތައް ތިޔަ ދަރިވަރުންގެ އެކުވެރިންނާއި ހިއްސާ ކުރުމަކީ ތިޔަ ދަރިވަރުންގެ މަސްއޫލިއްޔަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކަންކަމަށް އިސްނެގުމުގެ ރޫހާއި ދިވެހި މުޖުތަމައުގައި ހިނގާ އެކިއެކި މައްސަލަތަކަށް ޒުވާނުން އަހުލުވެރިކުރުވައި މުއާމަލާތު ކުރުމުގެ ހުނަރު ތަރައްގީކޮށް ފަރުދީ ޒިންމާތަކާއި ހައްގުތަކަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކާއި ރައްޔިތުންގެ މަޖިލީސް ހިންގާގޮތާމެދު ޒުވާނުން ހޭލުންތެރިކުރުވުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ އަދި ޔޫއެންއެފްޕީއޭއާ ގުޅިގެން ބާއްވަމުން އަންނަ އެ ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅަކުން 40 ކުދިން ބައިވެރިވެފައިވެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޕްރޮގްރާމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.