16 Dec 2014, 00:00
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީޕީގެ ހަ މެމްބަރުންނާމެދު ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހޯލުގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި މިގޮތަށް އަމަލު ކުރަން ފާސްވީ ގައުމީ މަޖިލީހުގައި އެ ވަގުތު ތިއްބެވި 36 މެމްބަރުންގެ އިއްތިފާގުން ނެވެ.
މިރޭގެ ޖަލްސާގައި ފާސްވެފައި ވަނީ އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވި ގަރާރެވެ.
އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފަނޑިޔާރުން ވަކިކުރި ވޯޓުގައި އެމްޑީޕީގެ ހަ މެންބަރުން ބައިވެރިވެވަޑައިނުގެންނެވުމަކީ ޕާޓީގެ ވިޕްލައިނާ ހިލާފުވުން ކަމަށާއި އެ ފަރާތްތަކާ ދޭތެރޭ ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންނަށް އަސާސީ ގަވާއިދުގައި އޮންނަ ހާއްސަ އިޖުރާއަތްތަކަށް އިސްލާހު ގެނައުމަށް އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
މިރޭ ބޭއްވި އެމްޑިޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކެވި ހުރިހާ މެމްބަރުން ވެސް ވިޕް ލައިނާ ހިލާފުވި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރުންނަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލި އެވެ.