ގާނޫނު އަސާސީ އިން ރައްޔިތުންނަށް ވަރަށް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ ކަމަށާއި އެހެން ނަމަވެސް އެހެން މީހުންގެ ހައްގުތައް ހުރަސްކުރާ މީހުންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހަނިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލ. އަތޮޅުގައި ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ލ. އަތޮޅު ލިންކް ރޯޑްގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް" އަލިއަޅުއްވާލައްވައި ވިދާޅުވީ އެ ބިލަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ހާސިލު ކުރުމަށް މަގުފަހިކޮށްދިން ބިލެއް ކަމަށެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މަގުތައް މަތީގައި މީހުންނަށް ބިރުދައްކައި ޖިސްމާނީ އަނިޔާ ކުރުން ހައްދު ފަހަނައަޅައިގެން ގޮސްފައިވާ ކަމަށާއި އެކަންތައް ހުއްޓުވުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އިން ރައްޔިތުންނަށް އެތަކެއް ހައްގުތަކެއް ލިބިގެންދޭ، އެކަމަކު އަޅުގަނޑަށް ތަރުޖަމާ ކުރެވޭ ގޮތުގައި ގާނޫނު އަސާސީ އިން ރައްޔިތުންނަށްދޭ ހައްގުތަކަކީ އެހެން މީހުންގެ ހައްގުތައް ހުރަސް ނުކުރާހާ ހިނދަކު އެ ރައްޔިތުންނަށް ލިބިދޭ ހައްގު، އެހެން ނަމަވެސް އެހެން މީހުންގެ ހައްގުތައް ހުރަސްކޮށް، އެ ރޮނގު ފަހަނަ އަޅައި އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހުންގެ ހައްގުތައް ހަނިކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިން އެކި އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރެވޭ ކުށްވެރިންނަށް ލިބިދޭ ހަނުހުރުމުގެ ހައްގާއި ވަކީލަކު ލިބިދިނުގެ ހައްގާއި ބަންދުކުރުމުގެ ހައްގާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީ އިން ކުށްވެރިންނަށް ލިބިދީފައިވާ އެފަދަ ބައެއް ހައްގުތައް ހަނިކޮށްގެން ނޫނީ ރާއްޖެ އަށް ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގައި މިރޭ ފެއްޓި ބިޔަ ބޮޑު މަޝްރޫއާ ބެހޭ ގޮތުން ވާހަަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ނިމިގެން ގޮސް، ދެން އެ އަތޮޅަށް ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ގެނައުމަށް ޓަކައި އެ އަތޮޅަށް ރާއްޖޭގެ އިންވެސްޓަރުންނާއި ބޭރުގެ ބޮޑެތި ވިޔަފާރި ކުންފުނިތައް އަންނަން ޖެހޭ ކަމަށެވެ. ނަމަވެސް އަމާން ކަމެއް މުދަލުގެ ހިމާޔަތެއް އަދި މީހުންގެ ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭ ތަނެއްގައި އެ ފަރާތްތަކުން އައިސް ކުރާނެ ކަމެއް ނުވިސްނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ބިލް (އެސްއީޒެޑް)ގައި އެކަށައަޅާފައި ހުރި ކަންކަމުގެ ތެރޭގައި ބިން ބޮޑެތި ރަށްރަށުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އަދި ލ. އަތޮޅަކީ އޭގެ ޖާތުގައި ޖާގަ އޮތް ތަނެއް ކަމުގައިވާ އިރު އެ އަތޮޅުގެ ތަރައްގީއާ ދޭތެރޭގައި މިސަރުކާރުން ކުރާ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

"ހައްދުންމަތީގައި މިކުރެވޭ މަސައްކަތްތަކުން، ދިވެހި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން މިތާ އިންވެސްޓްކޮށްގެން ބޮޑެތި މަސައްކަތްތައް ކުރާ ކަމުގައިވާ ނަމަ އެންމެ ފުރަތަމަ އެއް ކަމަކަށް ވިސްނާނީ ދިވެހި ރާއްޖޭގައި އަމާންކަމާ އެކު ސުލްހަވެރިކަމާ އެކު މިކުރާ މަސައްކަތެއް ކުރުމުގެ ޖާގަ އޮތްތޯ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ސަލާމަތާއި އަމާން ކަމުގެ ވެއްޓެއް ގާއިމް ކުރެވިފައިވޭތޯ ބެލުން ކަމަށެވެ. އެފަދަ ވެއްޓެއް އެ ރާއްޖޭގައި ގާއިމުނުކޮށް ކިތަންމެ ވަރަކަށް ގާނޫނުތައް ހަދަން މަސައްކަތްކޮށް، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދަން އުޅުމަކީ ހާސިލްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ކަމުން މިއަަދު މަޖިލީހުގައި ފާސްވެގެން ދިޔަ ބިލަކީ މާލެ އާއި ރަށްރަށުގައި އަމާން ކަން ގާއިމު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބާރު ދިނުމުގެ ގޮތުން ފާސްވެގެން ދިޔަ ވަރަށް ވަރުގަދަ ބިލެއް ކަމަށެވެ. އަދި އެ ބިލްގެ ސަބަބުން އެެއްވެސް ކަހަލަ ނާޖާއިޒު ފައިދާއެއް ނުވަތަ ނާޖާއިޒު މަންފާއެއް ގާނޫނު ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން ނުނަގާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.