15 Dec 2014, 22:43
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގައި ހަދާ ލިންކް ރޯޑްގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.
އެ މަޝްރޫއު އިފްތިތާހު ކުރުމަށްޓަކައި މިރޭ އެ އަތޮޅު ފޮނަދޫގެ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެ ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ކޮންޓްރެކްޓާ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޗައިނާގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިލޭ ހަދިޔާކޮށްދިން މި މަޝްރޫއުގެ ސަބަބުން ލ. އަތޮޅަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެ ކަމަށާއި މިއީ އެ އަތޮޅުގެ ތަރައްގީއަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.
"މި އަތޮޅުގެ ތަރައްގީ އަށް މި މަގުގެ ސަބަބުން ވަރަށް ގިނަ ކަންކަން މަގު ފަހިވެގެންދޭ، މި އަތޮޅުގެ ރަށްރަށަކީ ސައިޒުގެ ގޮތުން ބަލާއިރު ވަރަށް ބޮޑެތި ރަށްރަށް، މި މަޝްރޫއުއަކީ މި އަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫއެއް،" މުއިއްޒު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުންނާއި ކެބިނެޓް މިނިސްޓަރުންނާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޝަފީރު ވަންގް ފުކަންގް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ ހަވާލުކޮށްގެން ޗައިނާގެ ސަރުކާރުން ހަދާ އެ ލިންކް ރޯޑަކީ ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ މަގެކެވެ. އެ މަގަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. ލިންކް ރޯޑްގެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.