15 Dec 2014, 22:07
އޮސްޓްރޭލިއާގެ ސިޑްނީގެ ކެފޭއެއްގައި 40 އަށް ވުރެ ގިނަމީހުން ރަހީނުކޮށްގެން އުޅުނު މީހައަށް އެގައުމުގެ ފުލުހުން ހަމަލާދީ މަރާލައި އެތަނުގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
އޮސްޓްރޭލިއާ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުނީ މީހުން ރަހީނު ކުރި މީހާ މަރައިލުމަށް އޮސްޓްރޭލިއާ ފުލުބހުން ދެ ދިމާލަކުން ހަމަލާދިން ކަމަށެވެ.
ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ ނިއު ސައުތު ވޭލްސް ފުލުހުން ލިންޑްޓް ކެފޭގެ ތެރެއަށް ބަޑި ޖެހުމާއި އެކު އެތަނުން ފުރަތަމަ ފަސްމީހުން ނުކުތް ކަމަށެވެ. އަދި އޭގެ ފަހުން އެތައް ފަހަރަކު ފުލުހުން ބަޑި ޖެހުމުން އިތުރު ފަސް މީހުން ނުކުތް ކަމަށެވެ.
ޒަހަމްވެފައިވާ މަދުވެގެން ދެމީހުން ކުއްލި ފަރުވާދޭ މީހުންގެ އެހީއާ އެކު ގެންދަނިކޮށް ފެނުނު ކަމަށް ވެސް އެމީހުން ބުންޏެވެ.

މާޓިން ޕްލޭސްގައި ހުންނަ ލިންޑްޓް ކެފޭއަށް ބަޑި ހިފައިގެން މީހަކު ވަދެ ހިންގި ރަހީނު ކުރުމުގެ ކަންތައް ނިމުމަކަށް ގެނެވިފައިވާ ކަން ނިއު ސައުތުވޭލްސް ފުލުހުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އެކަމުގެ ތެރޭގައި މީހަކު މަރުވި ކަމެއް ނުވަތަ ނޫންކަމެއް އަދި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ. އަދި ޒަހަމްވީ ކިތައް މީހުން ކަމެއް ވެސް ނުބުނެއެވެ.
މާން ހާރޫން މޯނިސް ނަމަކަށް ކިޔާ އެމީހާ އަކީ ، އަފްޣާނިސްތާނުގައި މަރުވި އޮސްޓްރޭލިއާ ސިފައިންގެ އާއިލާތަކަށް ދެކޮޅުވެރިކަމުގެ ސިޓީތަކެއް ފޮނުވި ކަމުގެ ތުހުމަތަށް އޮސްޓްރޭލިއާ ފުލުހުން މިދިޔަ އަހަރު ހައްޔަރުކުރި މީހެކެވެ. އޭނާ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ސިފައިން ދެން އިތުރަކަށް އަފްޣާނިސްތާނު ކުޑަކުދިންނެއް ނުމަރާނެ ކަމަށެވެ.

މޯނިސް ހައްޔަރުކުރުމަށް ފަހު އޮސްޓްރޭލިއާ ސަރުކާރުން އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލި ކަމަށް ފެއާފެކްސް މީޑިއާއިން އޭނާއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވެއެވެ. އެރިޕޯޓުގައި ބުނެފައި ވަނީ މޯނިސް އަކީ އެކި ގައުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމަތަކުގައި އޮސްޓްރޭލިއާ ބައިވެރިވުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުން އައި މީހެއް ކަމަށެވެ.