02 Feb 2011, 13:24
ނައިފަރު މަސް ދޯންޏަކުން ހަ ފޫޓުގެ ކިނބުލެއް ހިފައިފި އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިއްޔެ މެނދުރު ނައިފަރު މަސް ދޯންޏަކުން ހިފި ހަ ފޫޓުގެ ކިނބޫ މިހާރު ވަނީ ނައިފަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އިއްޔެ މެނދުރު ކިނބޫ އަތުލައިގަތް "އަލިމަސް" ދޯނީގެ ފަޅުވެރިއެއް ކަމަށްވާ ހާމިދު އަބްދުﷲ މިއަދު ބުނީ ކިނބޫ އަތުލައިގަތީ ނ. މާފަރާ ތިންމޭލު ބޭރުން ކަމަށެވެ. އަދި އޭނާ ބޫނީ ކިނބޫ އަތުލައިގަތީ އޮޔާ ދިޔަ ދަނޑިއެއް މަތީގައި އޭތި އޮއްވައި ކަމަށެވެ.
"އޮއި ދަނޑިއެއް މަތީގައި އޭތި އޮއްވައި އަޅުގަނޑުމެންނަށް ފެނުނީ. ފެނިގެން އަޅުގަނޑުމެން ކިނބޫ ކަރުގައި ވަލެއްޖަހައި ދޯންޏަށް ކިނބޫ ނެގީ." ހާމިދު ކިޔައިދިނެވެ.
އޭނާ ބުނީ މިހާރު ކިނބޫ ފުލުހުނާ ހަވާލުކޮށްފައިވާ ކަމަށާއި ކިނބޫ ހިފަން އުޅުމުގެ ތެރޭގައި އެ ދޯނީގެ އެއްވެސް ފަޅުވެރިއަކަށް ކިނބުލުގެ ފަރާތުން އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު 15 ވަނަ ދުވަހު ފުލުހުން ވަނީ ތ. ވިލުފުށީ ކައިރީ އޮންނަ ހޮނޑެލިފުށި ކިޔާ ފަޅުރަށަކުން ވެސް ހަތަރު ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ.