ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވެ، މަގުމަތިވި އާއިލާތަކަށް ގއ. ދާންދޫގައި އިމާރާތް ކުރާ 87 ސުނާމީ ގެތަކުގެ ތެރެއިން ހަ ގޭގެ މަސައްކަތް ނިންމައި، ވެރިފަރާތްތަކާ ތަޅުދަނޑި ހަވާލުކޮށްފި އެވެ.

ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެ މަސައްކަތް ނުނިމިގެން، ދާންދޫގައި އަޅާ 87 ސުނާމީ ގެތަކުގެ މަސައްކަތް މިހާރު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދާންދޫގައި ސުނާމީ ގެތަކުގެ ތެރެއިން ހަ ގޭގެ މަސައްކަތް އެމްޓީސީސީ އިން ނިންމުމުން، ހައުންސިން މިނިސްޓްރީން އިއްޔެ ވަނީ އެ ގެތަަށް ވެރިފަރާތްތަކާ ހަވާލުކޮށްފަ އެވެ.

ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ހަ އާއިލާއަކަށް އެ ގެތަކުގެ ތަޅުދަނޑި އިއްޔެ ހަވާލު ކުރެއްވީ ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ ޒިޔާދު އެވެ.

ގއ. ވިލިނގިއްޔާއި އެ އަތޮޅު މާމެންދޫ އާއި ދާންދޫގެ އިތުރުން ނިލަންދޫގައި އިމާރާތް ކުރާ 298 ސުނާމީ ގެތަކުގެ މަސައްކަތް ނިންމަން ދެ ފަހަރެއްގެ މަތިން ވިމްލާ ކޮންސްޓްރަޝަނާ ހަވާލު ކުރި އެވެ. އެ ގެތައް އިމާރާތް ކުރުމުގެ މަސައްކަތް މަޑުޖެހޭތީ، ބައެއް ގެތަކުގެ މަސައްކަތް ނިންމަން އެމްއެންޑީއެފާއި އެމްޓީސީސީގެ އިތުރުން އެމްއާރްޑީސީއާ ސަރުކާރުން ހަވާލު ކުރި އެވެ. މަސައްކަތް ނިންމަން ވިމްލާ ކޮންސްޓްރަކްޝަނާ މިހާރު ހަވާލުކޮށްފައި ވަނީ 102 ގޭގެ މަސައްކަތެވެ.

ޑިސެމްބަރު 26، 2004، ގައި ރާއްޖެއަށް އެރި ސުނާމީ ކާރިސާއަށް ދިހަ އަހަރު ފުރޭނީ މި މަހުގެ 26 ގަ އެވެ. ސުނާމީ ގެތަކުގެ މަސައްކަތް އެ ދުވަހަށް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

އެ މަޝްރޫއުގެ ދަށުން ވިލިނގިލީގައި 78 ސުނާމީ ގެ އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވިލިނގިލީގައި އިމާރާތް ކުރާ ސުނާމީ ގެތަކުގެ ތެރެއިން 25 ގެ އިމާރާތް ކުރަނީ އެމްއާރްޑީސީންނެވެ. އަދި އެ ރަށުގައި 52 ގެ އިމާރާތް ކުރަނީ ވިމްލާ ކޮންޓްރަކްޝަނުންނެވެ.