15 Dec 2014, 21:03
އައިޖީއެމްއެޗްގެ ސާވާ އަށް ދިމާވި މައްސަލައަކާ ގުޅިގެން ޑޮކްޓަރަށް ދައްކަން ހައްދަން ޖެހޭ މެމޯ ހެއްދުން ގަޑިއެއްހާއިރަށް މެދުކެނޑިއްޖެ އެވެ.
ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގޮސް ހުރި މީހަކު މިރޭ "ސަން" އަށް މައުލޫމާތު ދެމުން ބުނީ ޑޮކްޓަރަށް ދައްކަން ގޮސް ތިބޭތާ މިހާރު ގަޑިއެއްހާ އިރުވެއްޖެ ކަމަށެވެ. ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރަޖިސްޓްރޭޝަންނާއި މެމޯ ހެއްދުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޖީނަތު އަލީ ހަބީބު މިރޭ "ސަން" އަށް ވިދާޅުވީ އައިޖީއެމްއެޗްގެ ސިސްޓަމް ޑައުންވެ، ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. ސިމްޓަމަށް އެންޓާ ކުރަން ޖެހޭ މައުލޫމާތެއް އެންޓާ ކުރުން ހުއްޓުމުން، މެނުއަލްކޮށް އެ މަސައްކަތް ކުރި ކަމަށާއި މެމޯ ނެތި ވެސް ޑޮކްޓަރަށް ދެއްކުމާއި ބޭސްއެޅުމާއި ލޭ ނެގުން ފަދަ ހިދުމަތްތައް ދީފައިވާނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.
"މެމޯ ނުހެއްދުނީ ސިސްޓަމަށް ޑައުންވެގެން، އެހެން ނަމަވެސް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހުނު، އައިޓީ ސެކްޝަނުން މިހާރު ވަނީ އެ މައްސަލަ ހައްލުކޮށް އަލުން މެމޯ ހައްދަން ފަށައިފަ،" ޒީނަތު ވިދާޅުވި އެވެ.