ޒޯން ފަހެއްގެ ދ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ހިނގައްޖެ އެވެ. ދ. އަތޮޅުގެ ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ދަތުރުކޮށްފައި މި ވަނީ ބާކީ އެއް މެޗު އޮއްވަ އެވެ.

މި މުބާރާތުގައި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން ދެން ވާދަކުރާ ޓީމު ތަކަކީ، ކުޑަހުވަދޫ ޔޫތު އެންހޭންސްމެންޓް ސޮސައިޓީ އާއި ކުޑަހުވަދޫ ރޭނީސް ގިންތީ އާއި މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކްލަބާއި މާއެނބޫދޫ މުޑި ޖަމިއްޔާ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލަށް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ދަތުރުކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ނުވަ ޕޮއިންޓާ އެކުގަ އެވެ.



މިހާރު ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާ އިރު ފައިނަލަށް ދިއުމުގެ ފުރުސަތު ދެން އެންމެ ބޮޑީ މާއެނބޫދޫ މުޑި ޖަމިއްޔާ އަށެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާ އިރު ބާކީ އެއް މެޗު އެބަ އޮތެވެ. ދެން އޮތް ތިން ޓީމުގެ ތެރެއިން މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކްލަބަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ކުޑަހުވަދޫ ރޭނީސް ގިންތީ އާއި ކުޑަހުވަދޫ ޔޫތު އެންހޭންސްމެންޓް ސޮސައިޓީ އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.



މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކުރީ މާއެނބޫދޫ މުޑި ޖަމިއްޔާ އާއި މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކްލަބެވެ. މި މެޗު 1-0 އިން ކާމިޔާބު ކުރީ މުޑި ޖަމިއްޔާ އެވެ.