15 Dec 2014, 18:30
ދައުލަތުގެ ރިކަރެންޓު ހަރަދު ކުޑަކުރުމަށްޓަކާ ޕްލޭނެއްގެ ދަށުން މަސައްކަތްކުރަން ޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
ސަންޓީވީގެ 50 މިނެޓު ޕްރޮގުރާމްގައި އިއްޔެރޭ ވާހަކަފުޅުދައްކަވަމުން އާމިރު ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ހަރަދު މައްޗަން ދާންޖެހޭ ސަބަބަކީ ގައުމުގެ މަސައްކަތުގެ އަހުލާގީ މިންގަނޑު ދަށްވުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އިސްތިސްނާ ނުކުރައްވައި އާމިރު ވިދާޅުވީ މަސައްކަތުގެ އަހުލާގު ރަނގަޅު ކުރެވިއްޖެނަމަ ރިކަރަންޓު ހަރަދު އެތައް ގުނައެއް ކުޑަ ކުރެވޭނެ ކަމަށެވެ.
"ރިކަރަންޓް ހަރަދު މައްޗަށް ދާންޖެހޭ ސަބަބަކީ ހިތާމައާ އެކު ދަންނަވަންޖެހެނީ އަޅުނގަޑުމެން މި ގައުމުގެ މަސައްކަތުގެ އަހުލާގީ މިންގަނޑު. ރައްޔިތުންގެ މަޖިލިސް ވެސް އިސްތިސްނާ ނުކުރާ ގޮތަށް މުޅި ދައުލަަތަށް އިޝާރާތްކޮށް ދަންނަވާނީ މަސައްކަތުގެ އަހުލާގު ރަނގަޅު ކުރެވިއްޖެ ނަމަ ރިކަރަންޓް ހަރަދު އެތައް ބައެއް ކުޑަކުރެވޭނެ." އާމިރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ އޮފީސް އިމާރާތުގެ ކުލީގެ ގޮތުގައި ދައްކާ ފައިސާ ވެސް ކުޑަކުރެވޭނެ ކަަމަށެވެ. އެހެންކަމުން އަންނަ އަހަރު އެކަން ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައިވާކަން އާމިރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ކެޕިޓަލް ހަރަދު ކުޑަވެގެންދަނީ ރިކަރަންޓު ހަރަދު ބޮޑުވެގެންދާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ ހިފެހެއްޓިފައިވާ އަދަދެއްގެ ގޮތުގައި ބޭއްވުމާ ގުޅޭ ގޮތުން ވާހަކަފުުޅުދައްކަވަމުން އާމިރު ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން މެމްބަރުން އިތުރުވުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ހަމައެއާ އެކު މެމްބަރުން އިތުރުވެގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޖާގައިގެ ދަތިކަން އިންތިހާއަށް އެބަހުރި. އަޅުގަނޑުމެންނަށް ކުރީގައި މި ގާނޫނު އަސާސީ އެކުލަވާލުމުގެ ކުރީގައި ބުނެފައި ވަނީ ކޮންމެ އަތޮޅަކުން ދެ މެމްބަރުން. އެކަމަކު އެ ޕްރޮޕޯޝަން އަށް ކޮންމެވެސް ކަހަލަ ގޮތްތަކެއްގެ މައްޗަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ. މިލިއަނުން އާބާދީ އޮންނަ ތަންތާނގައި ވެސް 77 މެމްބަރުން އެބަތިބި." އާމިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ނުދިން ބޭފުޅުންނަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ބައެއް އިސްލާހުތައް ފާސްނުވި ނަމަވެސް މުޅި ބަޖެޓަށް އެބޭފުޅުން ވޯޓު ނުދިނުމަކީ ގައުމަށް ވެވުނު ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.