ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑްގެ މަޝްުރޫއު އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އިބްރާހިމް މުއާޒު މިއަދު "ސަން" އަށް ވިދާޅުވީ ލިންކް ރޯޑްގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހަވީރު ރައީސް ލ. އަތޮޅަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނަވަ އެވެ.

ލ. އަތޮޅު އަތޮޅަށް ރައީސް ވަޑައިގަތުން -- ފޮޓޯ އަލީ ވާފިރު

ލިންކް ރޯޑްގެ މަޝްރޫއު އިފްތިތާހު ކުރުން އޮތީ މިރޭ 8:30 ގައި ފޮނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަަ އެވެ.
ލ. އަތޮޅަށް ރައީސް ޔާމީން ވަޑައިގެންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފައި -- ފޮޓޯ އަލީ ވާފިރު

ރައީސްގެ ދަތުރުފުޅުގައި މާދަމާ ހެނދުނު އެ އަތޮޅު ގަމުގައި އަޅާފައިވާ އަމީން ކޮންސްޓްރަކްޝަންގެ ގެސްޓް ހައުސްއެއް ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޔާމީންނަށް މަރުހަބާ ދެންނެވުމަށް ލ. ކައްދޫ އެއާޕޯޓް ޒީނަތްތެރިކޮށްފައި -- ފޮޓޯ އަލީ ވާފިރު

ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.