ލަންޑަން (ޑިސެމްބަރު 15) : ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށް ފަހު ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައިއެމެރިކާއަށް ފެންނަ މީހުން ދުނިޔޭގެ ކަންކޮޅުތަކުން ހައްޔަރުކޮށް ޖަލަށްލުމަށް ފަހު އެއަސީރުންނާ ދެކޮޅަށް އެމެރިކާ ހިންގި ލާއިންސާނީ އަނިޔާތަކުގައި އިނގިރޭސިވިލާތް ބައިވެރިވާ މިންވަރު ބެލުމަށް އިނގިރޭސި ޕާލަމެންޓްގެ ކޮމިޓީއަކުން ނިންމައިފި އެވެ.

އިނގިރޭސި ޕާލަމެންޓްގެ ޖާސޫސީކަންކަމާއި އަމަނާބެހޭ ކޮމިޓީގެ ވެރިޔާ ސަރ މެލްކޮމް ރިފްކެންޑް ވިދާޅުވީ ގުއަންޓެނާމޯބޭ ޖަލާއި ދުނިޔޭގެ އެކިގައުމުތަކުގައި އެމެރިކާ ގާއިމްކުރި ސިއްރު ޖަލުތަކުގައި އަސީރުންނާ ދެކޮޅަށް ސީއައިއޭ އިން ހިންގި ލާއިންސާނީ އަނިޔާތަކުގައި އިނގިރޭސި ސަރުކާރު ބައިވެރިވެފައިވާ މިންވަރު އެކޮމިޓީން ބަލާނެ ކަމުގަ އެވެ. އަނެއްކޮޅުން ގުއަންޓެނާމޯ ޖަލުގައާއި އެނޫންވެސް އެމެރިކާގެ ސިއްރުޖަލުތަކުގައި އަސީރުންނާ ދެކޮޅަށް ސީ.އައި.އޭ އިން ހިންގި ލާއިންސާނީ އަނިޔާތަކާބެހޭގޮތުން އެމެރިކާގެ ކޮންގްރެސްއިން ނެރުނު ރިޕޯޓްގައި ހިމެނޭ އިނގިރޭސިވިލާތުގެ ދައުރާބެހޭ ބައިތައް އުނިކުރުމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އަންގާފައިވާނެ ކަމަށް އެއޮފީހުން ވަނީ ހާމަކޮށްފަ އެވެ.

އިނގިރޭސިވިލާތަކީ ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު ދުނިޔޭގެ ގައުމުތަކުގައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔުބުޝްގެ ސަރުކާރުން ހިންގި ހަރުކަށި އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިކަން ދީފައިވާ ގައުމެވެ. މިގޮތުންއދ. އަށް ގޮންޖެހުމަށް ފަހު އިރާގަށް ގަދަބާރުން އަރައިގަތުމާއި ދުނިޔޭގެ އެކިގައުމުތަކަށް ބިރުދެއްކުމާއި ގައުމުތަކަށް އިސްވެ ޙަމަލާދީ އުދުވާން ހިންގުންފަދަ އެމެރިކާ ހިންގި ނާތަހުޒީބީ ހަރުކަށި އަމަލުތަކުގެ ފަހަތުގައި އޮތް ގައުމަކީ އިނގިރޭސިވިލާތެވެ. އެމެރިކާ އިރާގާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގާ އިރާގުގެ މިލިޔަނެއްހާ މީހުން މަރުވެފައިިވެ އެވެ.

ސެޕްޓެމްބަރު 11 ގެ ޙަމަލާތަކާ ގުޅިގެން އެމެރިކާ ހައްޔަރުކުރި އަސީރުންނާ ދެކޮޅަށް ސީ.އައި.އޭ އިން ހިންގި ލާއިންސާނީ އަނިޔާތަކާބެހޭގޮތުން އެމެރިކާގެ ކޮންގްރެސްއިން ނެރުނު ރިޕޯޓްގައި ހިމެނޭ އިނގިރޭސިވިލާތުގެ ބައި އުނިކުރަން އިނގިރޭސި ސަރުކާރުން އެދިފައިވަނީ ގައުމީ މަސްލަހަތަށްޓަކައި ކަމަށް ޑޭވިޑް ކެމެރޮންގެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުންވަނީ އަސީރުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވަނީ ޑިމޮކްރަސީ އާ އަދި އިންސާނި ހައްގުތަކާ މުޅިން ޚިލާފު ދަށުދަރަޖައިގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތަކެއް ކަމަށް ސިފަކޮށްފައެވެ. ކޮންގްރެސްގެ ރިޕޯޓްގައިވެސް މިޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލާފައިނުވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެމެރިކާއަށް ފާޑުކިޔަމުންނެވެ. (އަލްޖަޒީރާ)