15 Dec 2014, 16:36
މާލޭގެ ރައްޔިތުންނަށް ރައްކާތެރި ފެން ފޯރުކޮށްދެއްވުމަށް ޓަކައި ބޭނުންވާ ބައެއް ތަކެތި ޔުނިސެފުން ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ޔުނިސެފުން އެ ތަކެތި ހަވާލުކޮށްފައި ވަނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގަ އެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ތިން ބެކްޓޯރިއޯލޮޖިކަލް ފީލްޑް ޓެސްޓް ކިޓާއި 6،000 ޕެކެޓް ފެން ސާފު ކުރާ ޓެބްލެޓާއި 18،000 ފެން ކޮންޓެއިނާ އަދި 250 ނަމްބަރު ކްލޮރީންގެ 15 ކިޓު ހިމެނެ އެވެ.
ޔުނިސެފްގެ ފަރާތުން އެތަކެތި ހަވާލު ކުރީ ޔުނިސެފްގެ ރިޕްރެޒެންޓޭޓިވް ޑރ. އެލިސް ކުންގާ އެވެ. އަދި ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވީ ޑިފެންސް މިނިސްޓަރު ކާލަނެލް ރިޓަރާޑް މުހައްމަދު ނާޒިމް އެވެ.
އެ ހަފްލާގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެދުމާ އެކު ޔުނިސެފުން ކުރު މުއްދަތެއްގެ ތެރޭގައި އެތަކެތި ހަވާލު ކޮށްދިން ކަމަށާއި އެތަކެއްޗަކީ މާލެ އަށް ދާދި ފަހުން ދިމާވި ފެނުގެ މައްސަލަ ފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ ބޭނުންވާނެ އެއްޗެހި ކަމަށެވެ.
"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ހަމަ އަޅުގަނޑުމެން އެދުމުން މިތަކެތި މިވަނީ ދިވެހި ސަރުކާރަށް މިތެކަތި ފޯރުކޮށްދީފައި. އެކަމަށް ޓަކައި ޔުނިސެފަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. މި ތަކެއްޗަކީ އަޅުގަނޑުމެންނަށް ދިމާވި ފެނުގެ ހާދިސާތައް ކަހަލަ ހާދިސާތަކުގައި ވަރަށް މުހިއްމުކޮށް ބޭނުންވާ ތަކެތި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުންގާ ވިދާޅުވީ ޔުނިސެފް އިން ރައްކާތެރި ފެނާއި ސިއްހަތު ރައްކާތެރި ކުރުމަށް ބޭނުންވާ ތަކެތި ދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ނުކުޅެދޭ މީހުންނަށް އިސްކަންދޭ ކަމަށެވެ.