ބެލްޖިއަމްގެ ގެންޓް ނަމަކަށް ކިޔާ ޝަހަރުގެ އެޕާޓްމަންޓަކަށް ހަތިޔާރާ އެކު ހަތަރު މީހުން ވަނުމުން އެގައުމުގެ ފުލުހުން އެސަރަހައްދު ބަންދުކޮށްފި އެވެ.

އައިބީއެން ލައިވް އިން ބުނީ ހަތިޔާރާ އެކު އެޕާޓްމަންޓަށް ހަތަރު މީހުން ވަދެ އުޅޭތާ ދެގަޑިއިރު ވެފައިވާ ކަމަށާއި އެމީހުން އެދެނީ ކޮން ކަމެއް ކަން އަދި ނޭނގޭ ކަމަށެވެ. އެޕާޓްމަންޓަށް ހަތިޔާރާ އެކު ވަދެ އުޅެނީ ކޮން ބައެއް ކަމެއް ވެސް އަދި އެމީހުން އެއްވެސް ބަޔަކު ރަހީނުކޮށްފައިވާކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގޭ ކަމަށް ބެލްޖިއަމް ފުލުހުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

ހަތިޔާރު އެޅި މީހުން ވަދެ ތިބި އިމާރާތް ހުރި ސަރަހައްދު އާއްމުންނަށް ބަންދުކޮށް، ފުލުހުން އަންނަނީ އެސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

ބެލްޖިއަމްގެ އިމާރާތަކަށް ހަތިޔާރާ އެކު ބަޔަކު ވަދެފައި މިވަނީ މިއަދު ހެނދުނުން ފެށިގެން އޮސްޓްރޭލިއާގެ ބޮޑު ޝަހަރެއް ކަމަށްވާ ސިޑްނީގެ ކެފޭއަކަށް މީހަކު ބަޑި ހިފައިގެން ވަދެ، 40 އަށް ވުރެ ގިނަމީހުން ރަހީނުކޮށްފަ އެވެ. އެ ކެފޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން ތިން މީހަކު، އަމިއްލައަށް އެތަނުން ނުކުމެގެން ސަލާމަތް ވެފައިވާ އިރު ދެން ތިބި މީހުން ސަލާމަތް ކުރުމަށް އޮސްޓްރޭލިއާ ފުލުހުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީހުން ރަހީނުކުރުމުގެ ހާދިސާއެއް ސައުދީ އަރަބިއްޔާގައި ވެސް މިއަދު ވަނީ ހިނގައިފަ އެވެ. އެގައުމުގެ ވެރިރަށް ރިޔާޟުގައި ރަހީނުވި ތިން މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައި ފުލުހަކު މަރުވިކަމަށް ސައުދީ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ. މެޝިން ބަޑިއެއް ހިފައިގެން އުޅުނު މީހެއްގެ އަތް ދަށުވި އެ ތިން މީހުން ސަލާމަތް ކުރުމުގެ ތެރޭގައި ބަޑި ހިފައިގެން އުޅުނު މީހާ ވަނީ ހައްޔަރު ކުރެވިފައެވެ.