މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބަންދު އިބްރާހިމް ސަލީމް ހާޒިރުކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުން ނެވެ.

ބަންދު އިބްރާހިމް ސަލީމް ހާޒިރުކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފައި މިވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މަސައްކަތް ކުރާ ދިވެހިން ވަޒީފާ އިން ވަކިކޮށް، ބިދޭސީންނަށް ވަޒީފާދޭ މައްސަލާގައި ލިޔުމުން މަޖިލީހަށް ޖަވާބުދާރީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މަޖިލީހުން އެންގުމުން ވެސް އެކަމަށް އިޖާބަނުދިނުމުން ކަަމަށް ކޮމެޓީން ބުންޏެވެ.

ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެމްއޭސީއެލަށް ފޮނުވި ސިޓީގައި ގިނަ އަދަދެއްގެ ދިވެހިން ކަނޑާލި ސަބަބު ބަޔާން ކުރުމަށް ބުނެފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ވަޒީފާ ދީފައިވާ ބިދޭސީންގެ އަދަދު ސާފުކޮށްދެއްވުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ސިޔާސަތެއް އެއީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމަކީ. މިކަން މިހެން ހިނގާ ކަމަށްވާ ނަމަ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލިގެން މި ދަނީ. އެހެންވީމާ މި މައްސަލަ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާނަން،" ރިޔާޒް ވިދާޅުވި އެވެ.

އެމްއޭސީއެލްގައި މަސައްކަތް ކުރާ ދިވެހިން ވަޒީފާ އިން ވަކި ކުރާ ކަމަށާއި އަދި އެއަށް ފަހު ބިދޭސީންނަށް ވަޒީފާ ދޭ މައްސަލަ ފެންމަތިވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައިވާ ޖީއެމްއާރު އޮތް އިރު ވެސް އެފަދަ ކަމެއް ހިނގާފައިވާ ކަމަކަށް މައުލޫމާތުލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.