02 Feb 2011, 12:53
އަތޮޅުތަކުގެ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ހުރި އަތޮޅުގެތަކާއި ސަރުކާރުން އަތޮޅުގެ ތަކަށް ދޫކޮށްފައިވާ ހަރުމުދަލާއި، ވޭނާއި ލޯންޗްތަކުގެ ރަޖިސްޓްރީ އެއަތޮޅެއް ހިމެނޭ ޕްރޮވިންސް އޮފީހުގެ ނަމަށް މިއަދު 3:00 ޖެހުމުގެ ކުރިން ބަދަލުކޮށް ރަޖިސްޓްރީ އާ ކުރުމަށް ސަރުކާރުން އަތޮޅު އޮފީސްތަކަށް އަންގައިފި އެވެ.
ސަރުކާރުން ގާއިމުކޮށްފައިވާ ޕްރޮވިންސް އޮފީސްތައް މެދުވެރިކޮށް ހޯމް މިނިސްޓްރީން އަތޮޅު އޮފީސްތަކަށް މިއަދު ވަނީ އެ ސިޓީ ފޮނުވަން ފަށައިފަ އެވެ. އެ ސިޓީތަކުގައި ބުނަނީ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ހުރި އަތޮޅުގެ އާއި އަތޮޅުގެއަށް ސަރުކާރުން ދޫކޮށްފައިވާ ވޭނާއި ލޯންޗްތަކުގެ ރަޖިސްޓްރީ އެ އަތޮޅެއް ހިމެނޭ ޕްރޮވިންސް އޮފީހެއްގެ ނަމަށް ބަދަލު ކުރުމަކީ "މިހިނދުން މިހިނދަށް ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ހޯމް އެފެއާޒްގެ އިންޓާނަލް މެމޯއިން އަންގާފައިވާ" ކަމަށެވެ.
އޭގެ ސިޓީއެއް ސަންއަށް ވެސް ވަނީ ލިބިފަ އެވެ. އެއީ މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް ސޮއިކުރައްވާ މާލެ އަތޮޅު އަތޮޅު އޮފީހަށް ފޮނުއްވާފައިވާ ސިޓީއެއްގެ ކޮޕީ އެވެ.
އެ ސިޓީގައި ވާގޮތުން މާލެ އަތޮޅުގެ އަތޮޅުގެއާ ހަރުމުދަލާ އުޅަނދުތަކުގެ ރަޖިސްޓްރީ ޕްރޮވިންސް އޮފީހުގެ ނަމަށް ބަދަލުކޮށް އެ ރަޖިސްޓްރީތަކުގެ ކޮޕީ މިއަދު، ފެބްރުއަރީ 2، 2011ގެ މެންދުރު ފަހު 3:00 ޖެހުމުގެ ކުރިން މެދު އުތުރު ޕްރޮވިންސް އޮފީހަށް އަންގަން ޖެހެ އެވެ. އަދި އެ ރަޖިސްޓްރީތަކުގެ އަސްލު ވީ އެންމެ އަވަހަކަށް ފޮނުއްވައި ދިނުމަށް ވެސް ސިޓީގައި އެދިފައި އޮވެ އެވެ.
ސަރުކާރުން ފޮނުވި ސިޓީގައި ބުނަނީ ރަޖިސްޓްރީ ހަދާއިރު އިމާރާތުގެ ނަމަކަށް ޖަހަންވާނީ އެ އަތޮޅެއްގެ ވާރުގެ ކަމަށެވެ. އެ ގޮތުން ސްޓޭޓް މިނިސްޓަރު ނައީމްގެ ސިޓީގައި ބުނަނީ މާލެ އަތޮޅު އަތޮޅުގޭގެ ރަޖިސްޓްރީ ބަދަލު ކުރާއިރު ޖަހަންވާނީ "މާލެ އަތޮޅު ވާރުގެ" ކަމަށެވެ. ބިމާއި އިމާރާތުގެ ވެރިފަރާތުގެ ގޮތުގައި ޖަހަންވާނީ "މެދު އުތުރު ޕްރޮވިންސް އޮފީސް، ކ. މާފުށި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް" ކަމަށެވެ.
ރަޖިސްޓްރީތައް ހެދުމަށްފަހު އަތޮޅުގެތަކުގައި ހުރި ހަރުމުދަލުގެ އިންވެންޓްރީ، އަތޮޅު އޮފީހުގެ އިންވެޓްރީން އުނިކޮށް ވާރުގޭ ނަމުގައި މުދަލުގެ ލިސްޓް ހަދަންް ވެސް ވަނީ އަތޮޅު އޮފީސްތަކަށް އަންގާފަ އެވެ.
މިކަމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީއަށް ގުޅުމުން މައުލޫމާތު ދެއްވާ އޮފިޝަލަކު ވިދާޅުވީ "މިކޮޅަށް އެނގިފައި ނެތް" ކަމަށެވެ. ރައީސް އޮފީހުން މިއަދު ބުނީ އެކަހަލަ ކަމެއް ނަމަ އެނގޭނީ ހޯމް މިނިސްޓްރީއަށް ކަމަށެވެ.
ސަންއަށް އެނގިގައިވާ ގޮތުގައި މިއުސޫލަށް އަމަލު ކުރުމަށް ކުރިން ވެސް ވަނީ އަތޮޅު އޮފީސްތަކަށް އަންގާފަ އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 128 ވަނަ މާއްދާގައި ބުނަނީ މި ގާނޫނު ފާސްވުމުގެ ކުރިން ދިވެހި ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގެ އަތޮޅު އޮފީހުގެ ނަމުގައި ހިންގަމުން އައި އޮފީސް މިގާނޫނަށް އަމަލު ކުރަން ފެށުމާއެކު ހިނގަމުންދާނީ އަތޮޅުގެ ކައުންސިލްގެ އިދާރާގެ ނަމުގައި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ.
އަތޮޅުގެ ތައް ހިމެނެނީ އަތޮޅު އޮފީހުގެ ތަންތަނުގެ ގޮތުގަ އެވެ.