ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް އަނިޔާ ކުރި ކަމަށާއި އެ މައްސަލަތަކަށް ފަސްއަޅައި ފޮރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ، މޫސަ ނަޝީދަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.

ޕީޕީއެމްގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ބިލަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މޫސަ އަށް ކުރި އަނިޔާ އަށް އިންސާފު ނުލިބޭ ވާހަކަ ދެއްކެވުމުން އެ ވާހަކަ އަށްރައްދު ދެއްވައި މޫސަ ވިދާޅުވީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އެމަނިކުފާނަށް ކުރި އަނިޔާގެ ވާހަކަ ވަރަށް އަޑުހަރުކޮށް ދެއްކެވި ކަމަށާއި އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވީ ބީރުކަންފަތެެއް ކަމަށެވެ.

"ރައީސް މައުމޫންގެ ވެރިކަމުގައި [އަޅުގަނޑަށް] ކުރެއްވި އަނިޔާގެ ވާހަކަ އަޅުގަނޑު ވަރަށް ބޮޑަށް ގޮވިން. އެކަމާ ގުޅިގެން ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ވަރަށް ގިނަ ވާހަކަ ދެއްކި ... އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއް އައުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައި އެކަމަށް ފަސްއަޅައި ފޮރުއްވައި އެއީ ނުކުރާ ކަމެއް ކަމަށް ވަނީ ނިންމާފައި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެ ވާހަކަތައް އޭރު ދެއްކެވުމުން އާހިރުގައި ގޯސްވީ އޭނާ ކަމަށަށެވެ.

ޖިނާއީ އިޖްރާތުގެ ބިލާ ބެހޭ ގޮގުން ވާހަކަ ދެއްކެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު މޫސާ މަނިކުގެ ހަށިކޮޅަށް އަނިޔާ ކުރި ފުލުހުންނަށް މަގާމުގެ ކުރިއެރުމާއި ފުލެޓް ފަދަ ތަންތަން ދީފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އަދި އަދަށްދާން ވެސް އިންސާފު ގާއިމްވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒުގެ އެ ވާހަކަ އަށް ރައްދު ދެއްވައި މޫސާ ވިދާޅުވީ ފެބުރުއަރީ 8ގެ ފަހުން ޕޮލިސް ކޮމިޝަނަރަކަށް ވަޑައިގެންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ މޫސާ "ޑްރާމާ" ކުޅުނީ ކަމަށެވެ. އަދި އެކަން ހިމާޔަތްކުރަން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ހުންނެވި ކަމަށާއި އެކަމަކު އެމްޑީޕީގެ މެމްބަރުން އިއްޔެ ނުކުތީ ފާއިޒް ހިމާޔަތްކުރަން ކަމަށެވެ.

"އެކަން މިތަނުގައި ހިނގަމުން ދިޔައިރު އަޅުގަނޑަކީ ރިޝްވަތުގެ ހުތުރު ފައިސާ ހިފައިގެން ހުރި މީހެއް ކަމަށް، އެ ވާހަކަ ދައްކަވަން ނުކުމެވަޑައިގެން ހުންނެވީ އަޅުގަނޑުމެންގެ ރޫހާނީ ލީޑަރު ކެނެރީގޭ މުހައްމަދު ނަޝީދު. މިއީ ވަރަށް ހިތާމަހުރި ވާހަކައެއް،" މޫސަ ވިދާޅުވި އެވެ.

އިިމްތިޔާޒު ދެއްކެވި ވާހަކަ އަށް އިޝާރަތް ކުރައްވައި މޫސަ ވިދާޅުވީ، އެމްޑީޕީގެ މެމްބަރެއް ވިއަސް އަދި އެހެން ޕާޓީއެއްގެ މެމްބަރެއް ވިއަސް އޭނާ އަށް އަނިޔާކުރި ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.