15 Dec 2014, 15:42
މި އަހަރުގެ ސީޒަންގައި މާޒިޔާ ސްޕޯޓްސް ކަލްބަށް މިޑްފީލްޑަރެއްގެ މަގާމް އަދާކޮށްދިން ރާއްޖޭގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އައްސަދު އަލީ (އަޑުބަރޭ) ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ނިއު އިން މިއަދު ބުނީ އަޑުބަރޭ ނިއުއަށް ކުޅެދޭން ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އަޑުބަރޭ އަކީ އަންނަ ސީޒަނަށް ނިއުއަށް ސޮއިކުރި އެންމެ ފުރަތަމަ ކުޅުންތެރިޔާ ކަމަށާއި އެ ކްލަބުގެ ޔޫތު ޓީމުގެ ގިނަ ކުޅުންތެރިންނާއި އެއްވަނަ ޓީމްގެ ގިނަ ކުޅުންތެރިން ވެސް މިހާރު ނިއުއަށް ކުޅެމުން އަންނަނީ ކޮންޓްރެކްޓުގެ ދަށުން ކަމަށް އެ ކްލަބުން ބުންޏެވެ.
ނިއުގެ ވެބްސައިޓުގައި އަޑުބަރޭއާ ހަވާލާދީ މިއަދު ޝާއިއު ކުރި ބަޔާނެއްގައި ބުނީ އޭނާ ނިއުއަށް ސޮއިކުރުމަށް ފަހު އެ ކްލަބުގައި ރަނގަޅު ކުޅުން ދައްކާނެ ކަމަށެވެ. އަދި އަޑުބަރޭ ނިއުއަށް ސޮއިކުރުމުން އެއީ އެ ކްލަބަށް ލިބޭ ރަނގަޅު، ވަރުގަދަ ފެށުމެއް ކަމަށް އެ ކްލަބުގެ ޗެއާމަން އަލީ ވަހީދު އާ ހަވާލާދީ އެ ކްލަބުގެ ސައިޓުގައި ބުނެފައިވެ އެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބާއި ވީބީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެދީފައިވާ އަޑުބަރޭ ރާއްޖޭގެ ފުޓްބޯޅައިގެ އެއްވަނަ ޑިވިޝަނުން ފުރަތަމަ ފެނިގެން ދިޔައީ 2006 ވަނަ އަހަރު އެވެ. އަދި 2006 ވަނަ އަހަރުން 2010 ވަނަ އަހަރަށް ވިކްޓްރީއަށް ކުޅެދިނުމަށް ފަހު 2010 ވަނަ އަހަރު އޭނާ ބަދަލުވީ ވީބީ ސްޕޯޓްސް ކްލަބަށެވެ. އަދި އެއަށް ފަހު ބީޖީ ސްޕޯޓްސް ކްލަބަށް އެއް އަހަރު ކުޅެދިން އަޑުބަރޭ މިއަހަރު ފެނިގެން ދިޔައީ މާޒިޔާ އިންނެވެ.
އަޑުބަރޭ އަށް ފުޓްބޯޅައިގައި މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ މިއަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ހޮވި މެޗުގައި އަފްގާނިސްތާން ކޮޅަށް އޭނާ ޖެހި ޕެނަލްޓީންނެވެ. އެ ޕެނަލްޓީ ޖެހުމުގައި ޓީމުގެ ޕްރެކްޓިސްތަކުގައި ވެސް އޭނާ ބޭނުން ކުރި އުކުޅެއް ބެނުންކޮށްފައިވާ އިރު، އެ ޕެނަލްޓީ ވަނީ މައްޝޫރު ވީޑިއޯ ވެބްސައިޓް ޔޫޓިއުބްގައި ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.