ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ހުށަހެޅުއްވި ޖިނާއީ އިޖުރާއަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 67 މެމްބަރަކު ވޯޓު ދެއްވާފައިވާ އިރު، ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.