ރާއްޖެ އިން ބޭރުގައި ކިޔަވަމުން ގެންދިޔަ 80 ވަރަކަށް ދަރިވަރުން އެނބުރި ރާއްޖެ އައިސް މާލޭގެ ސްކޫލްތަކަށް ބަދަލުވެފައިވާ ކަމަށް އެެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ 2015 ވަނަ އަހަރު ސަރުކާރުގެ ގްރޭޑް ސްކޫލްތަކަށް ވަނުމަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު މި އަހަރު އިތުރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގައި ރަށްވެހިވެފައިވާ މާލޭ ކުދިން ކަމަށެވެ. ރާއްޖެ އިން ބޭރުގައި ކިޔަވަމުން ގެންދިޔަ ދަރިވަރުންގެ ތެރެއިން މިއަހަރު މާލޭގެ ސްކޫލްތަކަށް ބަދަލުވި ދަރިވަރުންގެ އަދަދު ފާއިތުވި ދެ ތިން އަހަރާ ބަލާ އިރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މާލޭގެ ސްކޫލްތަކުން ޖާގަ ހޯދަން ހުށަހަޅާފައިވާ 80 ވަރަކަށް ކުދިންނަކީ، ރާއްޖެ އިން ބޭރުގައި ކިޔެވުމަށް ފަހު، މާލޭގެ އެކިއެކި ގްރޭޑް ސްކޫލްތަކަށް ވަނުމަށް އެދި ހުށަހަޅާފައިވާ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެ އިން ބޭރުގައި ކިޔަވަމުން ގެންދިޔަ ކުދިންގެ ތެރެއިން އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ކުދިން ރާއްޖެ އައިސްފައި ވަނީ އެކިއެކި ސަބަބުތަކާ ހުރެ މުޅި އާއިލާ އާ އެކު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކުދިން ކަމަށް ބެލެވޭ ކަމަށެވެ. އޭގެރޭގައި އެންމެ ގިނައީ އިންޑިއާ އަދި ސްރީލަންކާގައި ކިޔަވަމުން ގެންދިޔަ ދަރިވަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކުދިންނަކީ އެކި އެކި ސަބަބުތަކާ ހުރެ ރާއްޖެ އިން ބޭރުގައި އުޅެމުން ގެންދިޔަ ކުދިން. ބޭސްފަރުވާ އާއި ކިޔެވުމާއި ރާއްޖޭގެ ހަލަބޮލި ސިޔާސީ މާހައުލުން ސަލާމަތްވުމަށް ދިޔަ އާއިލާތަކުގެ ކުދިންނާއި ފާއިތުވި ތިން އަހަރު ސަރުކާރުން ދޫކުރި ސޫޑެންޓް ލޯންގެ ދަށުން ކިޔަވަން ދިޔަ ދަރިވަރުންގެ އާއިލާތައް ވެސް ހިމެނޭ،" ސައީދު ވިދާޅުވި އެވެ.