15 Dec 2014, 15:04
އެމެރިކާގެ އަލަބާމާ ސްޓޭޓްގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ ކަމަށްވާ އޯބާން ޔުނިވާސިޓީގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގަޔަށް ބަޑިޖަހައި މާރާލައިފި އެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ބަޑިޖަހައި މަރާލި އެ ފުޓްބޯޅަ ކުޅުންތެރިޔާއަކީ އެ ޔުނިވާސިޓީގައި އޭނާގެ ފުތަމަ އަހަރު ހޭދަ ކުރަމުން ދިޔަ 18 އަހަރުގެ ޖަކެލް މިޝެލް އެވެ. އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވަނީ އާދިއްތަ ދުވަހު ދަންވަރު، އެ ޔުނިވާސިޓީގެ ޓައިގާ ލޮޖް އެޕާޓްމަންޓް ކޮންޕްލެކްސް ކައިރިންނެވެ.
އޯބާން އުނިވާސިޓީގެ ފުލުހުން ބުނީ ބަޑިޖެހިކަމަށް ބުނެ އެ ޔުނިވާސިޓީގެ ޓައިގާ ލޮޖް އެޕާޓްމަންޓް ކޮންޕްލެކްސްއިން ފުލުހުންނަށް މައްސަލައެއް ރިޕޯޓް ކުރީ އާދިއްތަ ދުވަހުގެ ދަންވަރު ކަމަށާއި، އެ ސަރަހައްދަށް ފުލުހުން ދިޔައިރު ޒަޚަމްތަކަކާ އެކު ޖަކެލް އެ ސަރަހައްދުން ފެނިފައި ވާކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެސް އޯބާން ޔުނިވާސިޓީގެ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޖަކެލްގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތެއް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި، ހައްޔަރު ކުރީ އަލަބާމާގެ ކޭމްޕް ހިލްގެ ރައްޔިތެއް ކަމަށްވާ މާކޭލް ޑިއެންޑްރާ ހާޓް އެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާ މިހާރު އެ ސަރަހައްދުގެ ޖަލަކަށް ބަދަލުކުރެވިފައި ވާކަމަށް އޯބާންގެ ފުލުހުން ބުންޏެވެ.
ޖަކެލްގެ މަރާ ގުޅިގެން އޯބާންގެ ކޯޗް ގަސް މެލްޒާން ބުނީ އެ ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، ޖަކެލްގެ މަރަކީ ވަރަށް ނާއިންސާފު މަރެއް ކަމަށެވެ. އަދި އޭނާގެ މަރާއި ގުޅިގެން އޯބާންއަށް މިހާރު ދިމާވެފައި ވަނީ ވަރަށް ދަތި ދުވަސްކޮޅެއް ކަމަށާއި، މި ދުވަސް ތަކުގައި ހިތްވަރުގަދަ ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ޖަކެލްގެ މަރާ ގުޅިގެން އޯބާންގެ އެތްލެޓިކްސް ޑިރެކްޓަރު ޖޭ ޖޭކޮބްސް ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ..
މި އަހަރުގެ ސީޒަންގައި އޮޕަލިކާ ހައި ސްކޫލުން އޯބާންއަށް ބަދަލުވި ޖަކެލް މިއަހަރު އެ ޔުނިވާސިޓީގެ ފުޓްބޮޅަ ސްކޮޑުގެ ފުރަތަމަ ޓީމަށް އެރުމުގެ ފުރުސަތު އޮތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޖަކެލްގެ މަރާ ގުޅިގެން އޭނާ މަރުވި ސަރަހައްދަށް އޭނާގެ ގިނަ ރަހުމަތްތެރިން ޒިޔާރަތް ކޮށްފައި ވާއިރު، އެ ސަރަހައްދަށް ޒިޔާރަތްކުރި ޖަކެލްގެ ރަހްމަތްތެރިއަކު ބުނީ ޖަކެލް އަކީ ރަނގަޅު، ހިތްހެޔޮ ކުއްޖެއް ކަމަށާއި، ޖަކެލް މަރާލުމަކީ އޭނާ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.