15 Dec 2014, 15:01
މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވޭ މީހުންނަށް ހަނު ނުހުރެވޭ ގޮތަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނު އިސްލާހު ކޮށްފިއެވެ.
ފޭދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 47 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.
އެ ބިލްގައިވާ ގޮތުން ތޫނުއެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލައިފި މީހެއްގެ އަދަބަކީ މެރުމެވެ. އަދި މަރުވި މީހާގެ ވާރިސުން ގާތިލަށް މައާފްދީފިނަމަ އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުން ކަމަށް އެ ބިލްގައި ވެއެވެ.
ތޫނުއެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމަށް އެހީތެރިވެދިން މީހާގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް އެ ބިލްގައި ވެއެވެ.
އެ ބިލްގައިބާ ގޮތުން ތޫނު ހަތިޔާރުން ދޭ ހަމަލާއަކުން މީހަކު މަރުވެއްޖެނަމަ އެމީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެއީ އެމީހެއްގެ ގަސްދު އޮތްކަން ސާބިތު ނުކުރެވޭ ހާލަތުގައި އެކަންޏެވެ.
މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނުއެއްޗަކުން ނުވަތަ ހަތިޔާރަކުން މީހަކަށް ހަމަލާދީފި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް އެ ބިލްގައި ވެއެވެ. އަދި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ 10 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.
މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނުއެއްޗަކުން ނުވަތަ ނުރާއްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގައިފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި އެފަދަ ކުށެއް ކުރުމަށް އެހީތެރިވެދިން މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.